މޯލްޑިވިއަން ޑިމޮކްރަޓީކް ޕާޓީ(އެމްޑީޕީ)އިން އިއްޔެ ބޭއްވި ޕްރައިމަރީއަކީ ގާނޫނާ ހިލާފަށް ބޭއްވި ޕްރައިމަރީއެއް ކަމަށާއި އެ ޕާޓީއާ މެދު ގާނުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިއްޔެ ބޭއްވި ޕްރައިމަރީއާ ގުޅޭ ގޮތުން "ސަން"އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އީސީގެ ތަރުޖަމާނު އަދި މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ އީސީން އިއްޔެ އެމްޑީޕީން ބޭއްވި ޕްރައިމަރީ ބަލައިނުގަންނަ ކަމަށެވެ.

"ޕްރައިމަރީ ބަލައެއް ނުގަންނަން. އެއީ ގާނޫނުތަކާއި ހިލާފަށް ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތެއް. ފިޔަވަޅު އަޅާނަން،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ "އަޅާނެ ފިޔަވަޅަކާއި މެދު އާދީއްތަ ދުވަހު އޮންނަ ކޮމިޝަންގެ ބައްދަލުވުމުގައި ގޮތެއް ނިންމާނެ" ކަމަށެވެ.

އިއްޔެ އެމްޑީޕީގެ ޕްރައިމަރީ ފަށާފައިވަނީ މެންދުރު 14:00 ހާއިރުއެވެ. ޕްރައިމަރީ ފެށިތަނާހެން ސިވިލް ކޯޓުން ވަނީ އެމްޑީޕީގެ ޕްރައިމަރީ ހުއްޓަވަން ކޯޓް އަމުރެއް ނެރެފައެވެ. އެ އަމުރު ނެރުމާއި އެކު ފުލުހުން ވަނީ އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވާފައެވެ.

ކޯޓް އަމުރާއި އެއްގޮތައް ޕްރައިމަރީ ހުއްޓުވުމުން ދެންވެސް އެމްޑީޕީގެ ވޯޓުލުން ކުރިއަށް ދިޔައެވެ. ވޯޓުލުން ނިންމާލީ ރޭ 00:00 ހާއިރުއެވެ.