31 May 2018, 12:00
ހއ. އަތޮޅު އިންނަފިނޮޅު ފަރަށް އެރި ބޯޓެއްގައި ރޯކޮށްލައި އޭގައި ތިބި ފަޅުވެރިން ސިފައިންނަށް ފިލަން ކަނޑަށް ފުންމާލައިފިއެވެ.
ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ ބޯޓު ފަރަށް އަރައިގެން އުޅޭކަމުގެ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު ހައެއް ޖެހިއިރު ކަމަށެވެ. އެ ބޯޓުގައި ތިބި ކަމަށް ލަފާކުރެވެނީ ބިދޭސީން ކަމަށާއި އޭގައި ތިބިި އަށް ފަޅުވެރިންނެވެ.
އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ފުލުުހުންނާ ސިފައިންވެސް ހަރަކާތްތެރިވަމުންދާ ކަމަށާއި އެ މައްސަލަ އިތުރަށް ފުލުހުން ބަލަމުން ގެންދާ ކަމަށެވެ.
"ސަން" އާ ވާހަކަ ދައްކަމުން އުލިގަމު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޒިޔާދު ހަސަން ވިދާޅުވީ އެ ދޯނި ފެނުނީ ވަދާ ގޮސް އުޅުނު އެ ރަށު ކުދި ބަޔަކަށް ކަމަށާއި އޭރު އެއީ ފަތިސް ވަގުތު ކަމަށެވެ.
ޒިޔާދު ވިދާޅުވީ ބޭރުގެ ބޯޓު އެންމެ ފުރަތަމަ ފެނުނު އިރު އޭގައި ރޯ ނުވާ ކަމަށާއި މައުލޫމާތު ލިބޭ ގޮތުން ބޯޓުގައި ރޯކޮށްލާފައިވަނީ އެމްއެންޑީއެފްއިން އެ ދޯންޏާއި ދިމާއަށް ކައިރިކުރި ފަހުން ކަމަށެވެ.
ޒިޔާދު ވިދާޅުވީ އެމްއެންޑީއެފްއިން މިހާރުވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު މެންދުރުކުރިން އެރި ކަޅު ދުން މިހާރު ކޮންމެވެސް ވަރަކަށް މައިތިރިވެފައި ވާކަމަށެވެ. އަދި ވިދާޅުވީ އެރަށު ބައެއް މީހުންނަށް އެ ބޯޓް ރޯވި ވަގުތު ބާރު އަޑުފައްގަނޑުތަކެއް އިވުނު ކަމަށެވެ.
ޒިޔާދު ވިދާޅުވީ އަދި އެރަށަށް އެ ބޯޓުން ދަތުރު ކުރި އެއްވެސް މީހަކު ނުގެންނަ ކަމަށާއި ނަމަވެސް ފުލުހުންވެސް އަދި ސިފައިންވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.