ޗެލްސީގެ އެއް ނަމްބަރު ކީޕަރު ޕީޓާ ޗެކް އެނބުރި ފަރިތަކުރުންތަކުގައި ބައިވެރިވުމުން އެ ކުލަބަށް އިތުރު ހިތްވަރެއް ލިބިއްޖެ އެވެ. ޗެކް ވަނީ އިއްޔެ ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.

ހުސްވި އޯގަސްޓް 18 ވަނަ ދުވަހު ޗެކްގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއާއި ގުޅިގެން ޗެލްސީ ޓީމުގެ ކޯޗް އަންދުރޭ ވިލަސް ބޮއަސްއަށް އެ ކުލަބުގެ ބަދަލު ދެ ކީޕަރުންގެ ތެރެއިން އެކަކު ބޭނުންކުރަން ޖެހިފައިވެ އެވެ. އެގޮތުން ކީޕަރު ހިލާރިއޯ އަދި ޓަންބުލްގެ ތެރެއިން ނޮވިޗްއާ ދެކޮޅަށް ކުޅުނު މެޗަށް ހިލާރިއޯ ނެރުން ފަހުން ފާޑުކިޔުންތަކަކާއި އަމާޒެވެފައިވެ އެވެ. އެ މެޗުގައި ނޯވިޗުން އެއްވަރު ކުރީ ހިލާރިއޯ އަށް ހެދުނު ބޮޑު ގޯހަކުންނެވެ. ނަމަވެސް މި މެޗު 3-1 ލަނޑުން ކާމިޔާބުކުރީ ޗެލްސީއިން ނެވެ. ކީޕަރު ޗެކަކީ ޑިފެންސް ލައިނަށް ހެދިދާނެ ގޯހަކަށް ވިސްނައިގެން ކުޅޭ ކީޕަރެކެވެ.

މެޗަށްފަހު ޗެލްސީގެ ކޯޗް ވިލަސް ބޮއަސް ބުނިގޮތުގައި އޭނާ ހުރިހާ ކީޕަރުންނަށް ވެސް ފުރިހަމައަށް އިތުބާރު ކުރާކަމަށެވެ.

ގާނާއާ ދެކޮޅަށް ކުޅެ މިދިޔަ ހޯމަ ދުވަހުގެރޭ ބްރެޒިލް 1-0 ލަނޑުން މޮޅުވި މެޗުގައި ބެންޗުން ފެނުނު ޗެލްސީގެ ޒުވާން ޑިފެންޑަރު ޑޭވިޑް ލުއިޒް ވެސް ވަނީ އަނިޔާއަށް ފަހު ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. ސަންޑަލޭންޑާ ދެކޮޅަށް ކުޅޭ މެޗުގައި ލުއިޒް ފެނުން ވަރަށް ގާތެވެ. މިސީޒަނުގައި ލިވަޕޫލުން ޗެލްސީއަށް ބަދަލުވި ޕޯޗުގަލުގެ މިޑްފީލްޑަރު ރައުލް މެރީލޭސް އިއްޔެވަނީ ކުލަބާއެކު އޭނާގެ ދެވަނަ ފަރިތަކުރުމުގައި ބައިވެރިވެފަ އެވެ.