ސިންގަޕޫރު (މޭ 31): ސިންގަޕޯ އެއާލައިންސްއިން އޮކްޓޯބަރު މަހު ދުނިޔޭގެ އެންމެ ދިގު ވައިގެ ދަތުރުތައް ކުރަން ފަށާނެ ކަމަށް އެ އެއާލައިނުން ބުނެފިއެވެ.

ސިންގަޕޫރުން އެމެރިކާގެ ނިއުޔޯކަށް ކުރާ މި ސީދާ ދަތުރުގައި 8،277 ނޯޓިކަލް މޭލު (15،329 ކިލޯމީޓަރު) ހުރަސް ކުރާނެއެވެ. އެދަތުރަށް 18 ގަޑި އިރާއި 45 މިނިޓު ނަގާނެއެވެ.

މީގެ ކުރިން އެންމެ ދިގު ދަތުރެއް ކުރަނީ ގަތަރު އެއާވޭސްއިން، ގަތަރުން ނިއުޒީލޭންޑަށެވެ. އެދަތުރުގައި 7،843 ނޯޓިކަލް މޭލު ހުރަސް ކުރެއެވެ.

ސިންގަޕޯ އެއާލައިންސްއިން ބުނި ގޮތުގައި އެދަތުރު ކުރާނީ އެއާބަސް އޭ350-900 ޔޫއެލްއާރު މަރުކާގެ އެއާކްރާފްޓެއްގައެވެ. އެބޯޓުގައި 94 ޕްރިމިއަމް އިކޮނޮމީ ސީޓާއި 67 ބިޒްނަސް ކްލާސް ސީޓު ހުންނާނެއެވެ.

ސިންގަޕޯ އެއާލައިންސްއިން މީގެ ކުރިންވެސް ސިންގަޕޫރާއި ނިއުޔޯކާ ދެމެދު ދަތުރުކޮށްފައި ވެއެވެ. ނަމަވެސް ތެލުގެ އަގު އުފުލުމުގެ ސަބަބުން 2013 ވަނަ އަހަރު އެދަތުރުތައް ހުއްޓާލީއެވެ.