31 May 2018, 11:13
ކިއެވް(މޭ 31): ޔޫކްރެއިންގައި އަންގާރަ ދުވަހު މަރާލި ކަމަށް ބުނި ރަޝިއާގެ ނޫސްވެރިޔާ އޭގެ ފަހުން 24 ގަޑި އިރުވެސް ނުވަނީސް ޔޫކްރެއިންގެ ސިފައިންނާ އެކު ޕްރެސް ކޮންފަރެންސްއެއް ބޭއްވުމުން މުޅި ދުނިޔެއަށް ވަނީ ހައިރާންކަން ލިބިފައެވެ.
ޔޫކްރެއިންގެ ސެކިއުރިޓީ ޗީފް ވަސީލް ހުރިޓްސަކް ވިދާޅުވި ގޮތުގައި ރަޝިއާގެ ސަރުކާރަށް ފާޑު ކިޔާ ނޫސްވެރިޔެއް ކަމަށްވާ އާރްކަޑީ ބަބްޗެންކޯ މަރާލި ކަމަށް ހަބަރު ފެތުރީ އޭނާ މަރާލުމަށް ރާވަމުން ދިޔަ ބަޔަކު ހޯދުމުގެ ގޮތުންނެވެ. އަދި ބަބްޗެންކޯ މަރާލަން މަސައްކަތް ކުރީ ރަޝިއާއިން ފޮނުވި ބަޔަކު ކަމަށާއި އޭގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ހުރިޓްސަކް ވިދާޅުވިއެވެ.
ބަބްޗެންކޯ މަރުވި ކަމަށް ފުރަތަމަ ބުނީ އޭނާގެ އަންހެނުންނެވެ. އޭނާ ބުނި ގޮތުގައި ބަބްޗެންކޯގެ ބުރަކަށްޓަށް ބަޑި ޖަހާފައި އޮއްވާ ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ދޮރު ކައިރީގައެވެ. އަދި ބަބްޗެންކޯ މަރުވީ އެމްބިއުލާންސަކުން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް އޭނާގެ އަންހެނުން ބުންޏެވެ.
އޭގެ ފަހުން ޔޫކްރެއިނުން ވަނީ ބަބްޗެންކޯގެ މަރުގެ ފަހަތުގައި ވަނީ ރަޝިއާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި މުޅި ދުނިޔޭގައި އޭނާގެ ހަބަރު ފެތުރިގެން ދިޔައެވެ.
ނަމަވެސް އިއްޔެ ކިއެވްގައި ޔޫކްރެއިންގެ ސިފައިން ބޭއްވި ޕްރެސް ކޮންފަރެންސަކަށް ބަބްޗެންކޯ ދިޔުމުން އެކޮންފަރެންސަށް ހާޒިރުވެ ތިބި އެންމެންނަށް ލިބުނީ ބޮޑު ސިހުމެކެވެ. އަދި ބަބްޗެންކޯ ވަނީ އޭނާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެފަދަ އޮޕަރޭޝަނެއްގައި ބައިވެރިވުން ނޫން ގޮތެއް ނެތް ކަމަށް ބުނެ ޔޫކްރެއިންގެ ސިފައިންނަށް ޝުކުރު އަދާކޮށްފައެވެ.
މީގެ އިތުރުން ބަބްޗެންކޯ ވަނީ އެއޮޕަރޭޝަނާ ބެހޭ ގޮތުން އޭނާގެ އަންހެނުންނަށާއި ދަރިންނަށް އެނގޭ ކަމަށް ބުނެފައެވެ. ނަމަވެސް އޭނާ މަރުވި ކަމަށް ހީކޮށް ހިތާމަކުރި އެހެން މީހުންގެ ފަރާތުން މާފަށް އެދިފައެވެ.
ބަބްޗެންކޯ ރަޝިއާއިން ޔޫކްރެއަށް މިދިޔަ އަހަރު ބަދަލުވީ 92 މީހުންނާ އެކު ދަތުރު ކުރަމުންދިޔަ ރަޝިއާ އަސްކަރިއްޔާގެ މަތިންދާބޯޓާ ބެހޭ ގޮތުން ފޭސްބުކުގައި ލިޔުނު ޕޯސްޓަކަށް ފަހުގައެވެ. ބަބްޗެންކޯ ބުނި ގޮތުގައި އެޕޯސްޓުގެ ސަބަބުން އޭނާއަށް ގިނަ އަދަދެއްގެ އިންޒާރުތައް ރަޝިއާ ސަރުކާރުން ދިނެވެ. (ބީބީސީ)