31 May 2018, 15:33
އެސްޓީއޯ މާލޭ ލީގުގެ ގަދަ ހައެއްގެ ތެރޭގައި ހިމެނި، ޕްރިމިއާ ލީގަށް ދިއުމަށް ކްލަބު ގްރީން ސްޓްރީޓްސް އިން ކުރަމުން އައި މަސައްކަތުގެ 99 ޕަސެންޓް ކާމިޔާބުވެއްޖެ ކަމަށް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މާލޭ ލީގުގެ 11 ވަނަ ހަފްތާގައި ގްރީނުން 4-3ގެ ނަތީޖާއަކުން ޓީސީ ބަލިކުރުމާ އެކު އެޓީމަށް 11 މެޗުން 13 ޕޮއިންޓް ލިބިފައިވާ އިރު، ގަދަ ހައެއްގެ ހަނި ފުރުސަތެއްގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އަށް 11 މެޗުން ލިބެނީ ހަތް ޕޮއިންޓެވެ.
ލީގުގައި ޔޫވީއާއި ގްރީނަށް ވެސް ބާކީ ތިން މެޗު އޮތް އިރު، މިހާރު ތާވަލު އޮތް ގޮތުން ޔޫވީއަށް ކުރިއަށް އޮތް ތިން މެޗުންވެސް މޮޅުވެގެން ނޫނީ ގަދަ ހައެއް ޔަގީން ކުރަން އުނދަގޫވާނެ އެވެ. ޔޫވީއަށް އެ ފަދަ ގޮތަށް ވެސް ގަދަ ހަޔަކަށް އެރެވޭނީ ގްރީނުން ކުޅޭ ތިން މެޗުން ވެސް އެޓީމަށް ޕޮއިންޓް ނުނެގިއްޖެ ނަމަ އެވެ.
ޓީސީއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ވާހަކަ ދައްކަމުން ގްރީންގެ ކޯޗު ސުޒޭން ބުނީ ޓީސީ ކައިރިން ހޯދުނު ތިން ޕޮއިންޓާ އެކު ގަދަ ހައެއް ވަރަށް ބޮޑަށް ޔަގީން ވެއްޖެ ކަމަށާއި މެޗުތައް ދާ ގޮތަށް ބަލައި ޔޫވީއަށް ކުރިއަށް އޮތް ތިން މެޗު ނެގުމަކީ ނާދިރު ކަމެއް ކަމަށެވެ.
"މި ތިން ޕޮއިންޓުން ގާތް ގަނޑަކަށް 99 ޕަސެންޓް ގްރީން ޕްރިމިއާ ލީގަށް ކުރަން ޖެހޭ މަސައްކަތް ނިމުނީ. ދެން އޮތް ޕަސެންޓަކީ މެއިންޓެއިން ކޮށްލުން. ދެން އެންމެެ ކައިރީގައި އޮތް ޔުނައިޓެޑް ވިކްޓަރީއަށް ވެސް ކުރިއަށް އޮތް ހުރިހާ މެޗަކުން މޮޅު ނުވެވޭނެ ކަމަށް މިބަލަނީ، މިހާރު މެޗުތައް ދާ ގޮތަށް ބަލައިފައި. އެހެންވީމަ މިހާރު ސަވައިވް ވެވޭނެ ކަމަށް މި ބަލަނީ،" ސުޒޭން ބުންޏެވެ.
މިދިޔަ ސީޒަންގެ މާލޭ ލީގު ގްރީނުން ނިންމާލީ ތާވަލުގެ ދެވަނައިގަ އެވެ. މި ސީޒަންގެ ފެށުމުގެ ކުރިން ގްރީނާ ހަވާލުވުމަށް ފަހު ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ކޯޗު، ސުޒޭން ބުނީ މި އަހަރު މާލޭ ލީގުން ހާސިލްކުރަން ބޭނުންވާ ޓާގެޓަކީ ޕްރިމިއާ ލީގަށް ކޮލިފައިވުން ކަމަށެވެ.
ލީގުގެ ގިނަ މެޗުތަކަކަށް ފަހު ވެސް ސުޒޭން ބުނެފައި ވަނީ މާލޭ ލީގަކީ ކޮލިފައިންއެއް ކަމަށާއި ލީގު ނަގާ ޓީމަށް ފިޔަވާ މާ ބޮޑު އިނާމެއް ވެސް ނުލިބޭ ލީގެއް ކަމަށްވުމުން ގްރީނުން ޓާގެޓްކުރަނީ ޕްރިމިއާ ލީގަށް ދިޔުމަށް އެކަނި ކަމަށެވެ.
މާލޭ ލީގުގެ ގަދަ ހައެއްގެ ޖާގަ މިހާތަނަށް ޔަގީން ކޮށްފައިވާ ޓީމުތަކަކީ އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު، ކްލަބު އީގަލްސް އަދި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. ނިއުއަށް ލީގު ނަގަން ބޭނުން ވަނީ އެންމެ މޮޅެކެވެ.
މިހާތަނަށް މާލޭ ލީގުގައި މޮޅެއް ނުލިބި އޮތް ކްލަބު ވެލެންސިއާއަށް ރެލިގޭޝަން ޕްލޭ އޯފް ކުޅެން ޖެހޭނެކަން ޔަގީން ވެފައިވާ އިރު، ހަތްވަނައިގައި ލީގު ނިންމާލާ ޓީމު ވެސް ޖެހޭނީ ރެލިގޭޝަން ކުޅޭށެވެ. މާލޭ ލީގުގެ ފުލުގައި އޮންނަ ދެ ޓީމުގެ އިތުރުން ދެން ރެލިގޭޝަން ޕްލޭ އޯފްގައި ކުޅޭނީ ދެވަނަ ޑިވިޝަންގެ ރަނަރަޕް ޓީމް، ޖޭޖޭ ސްޕޯޓްސް ކްލަބެވެ.
އެ ތިން ޓީމުގެ ތެރެއިން ދެ ޓީމު މިއަހަރު ރެލިގޭޓް ވާނެ އެވެ.