ޑައިރެކްޓަރު އަލީ އައްބާސް ޒަފަރުގެ ކުރިއަށް އޮތް ފިލްމު 'ބާރަތު'ގެ ޝޫޓިން މިހާރު ކުރިއަށްދާއިރު އެ ފިލްމުގެ ކާސްޓާ އިންޑިއާގެ ޓީވީ އެކްޓަރު އާސިފް ޝެއިހް ވެސް ގުޅިއްޖެ އެވެ.

ފިލްމުގެ ޝޫޓިން ސަލްމާން ޚާން އާ އެކީ ފެށުނު ނަމަވެސް މިހާރު ފިލްމުގެ ކާސްޓުންނަށް ގިނަ ތަރިންްތަކެއް ވަނީ ގުޅިފަ އެވެ. ފިލްމުގެ ކާސްޓާ އެންމެ ފަހުން ގުޅިފައިވަނީ ބޮލީވުޑްގެ ތަރި ފާތިމާ ހާޝިމީ (ތައްބޫ) އެވެ.

މީގެ ކުރިން ވެސް އާސިފް ވަނީ ސަލްމާން އާ އެކީ މަސައްކަތްކޮށްފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ދެ ތަރިން ނުފެނި އަނެއްކާ ވެސް އެކީ ފިލްމަކުން ފެނިލުމުގެ ފުރުސަތު ލިބުމުން އުފާވާ ކަމަށް އާސިފް ވަނީ ބުނެފަ އެވެ. ބާރަތު ވެގެންދާނީ 12 އަހަރަށް ފަހު ސަލްމާން އަދި އާސިފް އެއްކޮށް ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

ބާރަތުގެ ކާސްޓާ ދާދި ފަހު ދިޝާ ޕަޓާނީ ވެސް ވަނީ ގުޅިފަ އެވެ. "ބާރަތު" އަކީ 2014 ވަނަ އަހަރު ރިލީޒް ކުރި ދެކުނު ކޮރެއާ ފިލްމު "އޯޑް ޓު މައި ފާދާ" ގެ އެޑެޕްޓޭޝަނެކެވެ.

ފިލްމުގެ ރޯލަކުން ސުނިލް ގްރޯވަރު ފެނިގެންދާނެ އެވެ. އަދި ފިލްމުގެ މުހިއްމު ރޯލަކުން ދިޝާ ފެނިގެންދާއިރު ދެން ފިލްމުން ފެނިގެންދާނީ ކާމިޔާބު ބަތަލު ސަލްމާން ޚާން އާއި ބަތަލު ޕްރިޔަންކާ ޗޯޕްރާ އެވެ.

ފިލްމުގެ ޝޫޓިން ލަންޑަންގައި ފަށާފައިވާ އިރު، އަބޫ ދާބީ، ސްޕެއިން، ޕަންޖާބް އަދި ނިއު ދިއްލީގައި ފިލްމުގެ އިތުރު މަންޒަރުތައް ނަގަން ވަނީ ހަމަޖެހިފަ އެވެ.

ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފިތުރު ޢީދާ ދިމާކޮށެވެ.