31 May 2018, 10:32
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމު "ސަންޖޫ"ގެ ޓްރެއިލާ އިއްޔެ އާންމުކޮށްފިއެވެ.
އިއްޔެ އާންމު ކުރި ތިން މިނެޓުގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ގިނަ ބަޔަކު އަންނަނީ ފިލްމުގެ ލީޑު އެކްޓަރު ރަންބީރު ކަޕޫރަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ.
ޓްރެއިލާއިން ފެންނަ ގޮތުން، ފިލްމުގައި ސަންޖޭ ދަތުގެ ހަޔާތުގެ މުހިންމު ހާދިސާތަކެއް ފެނިގެންދާނެއެވެ. އެގޮތުން ނުވަދިހައިގެ ކުރީކޮޅު ސަންޖޭ ތަރިއެއްގެ ގޮތުގައި ވިދާލި ގޮތާއި މަސްތުވާތަކެތީގެ ވަބާގައި ޖެހި އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލައިގެން ދިޔަ ދިޔުމުގެ އިތުރުން އަތުގައި މަނާ ހަތިޔާރެއް ބާއްވައިގެން އޭނާ ހައްޔަރުކުރި ދުވަސްވަރުގެ ހާދިސާތަކެވެ.
އޭގެ އިތުރުން އޭނާގެ 300 އަށް ވުރެ ގިނަ ލޯބިވެރިންނާއި، އާއިލީ ގުޅުންތައް އަދިވެސް މިނޫން އެފަދަ ވާހަކަތަކެއް ފިލްމުން ފެނިގެންދާނެއެވެ.
ރާޖްކުމާރު ހިރާނީ ޑައިރެކްޓު ކޮށްފައިވާ އެ ފިލްމުގެ ޓްރެއިލާއިން އެންމެ ފާހަގަވީ، ސަންޖޭގެ ހަޔާތުގެ އެކި ހިސާބުތަކުގައި އޭނާގެ ސިފައަށް އައިސްފައިވާ ބަދަލު، ރަންބީރު އަދި ފިލްމުގެ ޓީމުން ގެނެސްދީފައިވާ ފުރިހަމަ ކަމެވެ.
ރަންބީރު ކަޕޫރު ވަނީ ސަންޖޭގެ ހިނގުމާއި، ވާހަކަ ދެއްކުމާއި، އަދިވެސް މިނޫން އެކި އެކު ކަންކަން ވަރަށް ފުރިހަމައަށް ދަސްކޮށް، އެއަށްވުރެ ފުރިހަމައަށް ސްކްރީނަށް ގެނެސްދީފައެވެ.
ޖޫން 29 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ އެ ފިލްމަކީ މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް ފިލްމެވެ. އަދި މިއީ "ޕީކޭ" އަށް ފަހު ހިރާނީ ޑައިރެކްޓު ކޮށްފައިވާ ފުރަތަމަ ފިލްމު ކަމުން، "ޕީކޭ" އިން ހޯދި ވަރުގެ ނުވަތަ އެއަށް ވުރެ ބޮޑު ކާމިޔާބެއް "ސަންޖޫ" އަށް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.
އޭގެ އިތުރުން މިއީ ރަންބީރުގެ ސަޕޯޓަރުންގެ އުންމީދުތަކާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ ފިލްމެކެވެ. މި ފަހުން ރިލީޒް ކުރި ރަންބީރުގެ ގިނަ ފިލްމުތައް ފްލޮޕް ވުމާ ގުޅިގެން، އޭނާގެ ކެރިއަރާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފައެވެ.
ފިލްމުގައި ރަންބީރުގެ އިތުރުން ދެން ފެނިގެން ދާނީ ޕަރޭޝް ރާވަލް، މަނީޝާ ކޮއިރަލާ، ވިކީ ކޯޝަލް، އަނުޝްކާ ޝަރްމާ، ދިއާ މިރްޒާ، އަދި ސޯނަމް ކަޕޫރެވެ.