ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އެސްއޯގެ ދަށުން އޮންނަ ސްވޮޓްގެ ކުރީގެ ކޮމާންޑަރު ސައިފް ހުސައިންގެ ފޯނު ހޯދާކަން އެނގިގެން އެ ފޯނު ފޮރުވި މައްސަލާގައި ސައިފާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

އެ މައްސަލާގައި ދެން ދައުވާ އުފުލާފައި ވަނީ ހޯމް މިނިސްޓްރީގެ ކުރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދާއި ޓޫރިޒަމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޝަޒައިލް ސިޔާމްގެ މައްޗަށެވެ.

ސައިފާއި ތަޒްމީލާއި ޝަޒައިލްގެ މައްޗަށް އެ މައްސާލަގައި އުފުލީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

އެ ދައުވާ ސައިފް ގެ މައްޗަށް ކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި މޮބައިލް ފޯނު ދޭން އެންގުމުން އެ ފޯނު ފޮރުވާފައިވާތީއެވެ.

ދައުލަތުން ކުރި ދައުވާގައި ވަނީ ސައިފާއި ތަޒްމީލް އަދި ޝަޒައިލް މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހެންވޭރުގައި ހުންނަ "ކެފޭ މެޒަލޫނާ" ގައި އެ ތިން މީހުން ތިއްބައި ފުލުހުން އެތަނަށް ދިޔުމުން ސައިފް އޭނާގެ ފޯނު މޭޒުމަތީ ބޭއްވުމަށްފަހު ގޮސްފައިވާ ކަމަށެވެ.

އެވަގުތު ސައިފާއެކު ތިބި ތަޒްމީލާއި ޝަޒައިލް އެ ފޯނު ނަގައިގެން ފޯނާއި ކުޅުމަށްފަހު އެ ފޯނު ފޮރުވާފައިވާ ކަމަށް ވެސް ދައުވާގައިވެއެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު 12:30 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލް ކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެ ތިން މީހުން ވެސް ހައްޔަރުކުރިއެވެ. ނަމަވެސް ފަހުން ތަޒްމީލާއި ޝަޒައިލް ވަނީ ދޫކޮށްލާފައެވެ. ސައިފް އަދިވެސް ހުރީ ބަންދުގައެވެ.

ސައިފްގެ މައްޗަށް ކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ. އޭގެއިތުރުން ޣައިރު ގާނޫނީ އެއްވުން ތަކުގެ ތެރެއިން އަމަން ބަލަހައްޓަމުން ދިޔަ ފުލުހުންނާއި މާރާމާރީ ހިންގައި، ސަލާމަތީ ބާރުތަކާ މެދު އިތުބާރު ގެއްލުވާލަަން އުޅުނުކަމުގެ ތުހުމަތު ވެސް ފުލުހުން އޭނާގެ މައްޗަށް ކުރިއެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމައި މިހާރު ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.