07 Sep 2011, 13:43
ވެޑިން އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމަށް ބްރައިޑް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ "އެސްޓީއޯ ފިލިޕްސް ބްރައިޑް ފެއާ"ގައި މިފަހަރު ރާއްޖޭން ބޭރުގެ ފަރާތްތަކުގެ ދައްކާލުންތައް ފެނިގެންދާނެ ކަމަށް ބްރައިޑް މޯލްޑިވްސް އިން ބުނެފި އެވެ.
މި މަހު 28 އިން 29 އަށް ދަރުބާރުގޭގައި ބާއްވާ ފެއާ އާ ބެހޭ ގޮތުން ބްރައިޑް މޯލްޑިވްސްގެ މެނޭޖަރު އަދި ބްރައިޑް މަޖައްލާގެ އެޑިޓަރު މުހައްމަދު ޝާފީ ވިދާޅުވީ މިފަހަރުގެ ފެއާ އިން ވެސް އާ މޫނުތަކެއް ފެނިގެންދާނެ ކަމަށާއި އެގޮތުން ފެއާގައި ޖަޕާނުގެ ހަނާ ބިއުޓީ ސެލޫނާއި ލަންކާގެ ޖުވެލަރީ ހަދާ މީހެއްގެ އުފެއްދުންތައް ފެނިގެންދާނެ ކަމަށެވެ.
އިންޓަނޭޝަނަލް ފެންވަރަށް ފުޅާވެފައިވާ ބްރައިޑް ފެއާ އާ ގުޅޭ ގޮތުން ޝާފީ ވިދާޅުވީ މިފަހަރުގެ ފެއާގައި މިދިޔަ އަހަރާ ޚިލާފަށް ސްޓޯލްތައް މަދުވެފައި ބޮޑެތި ވާނެ ކަމަށެވެ. އެގޮތުން މިފަހަރުގެ ފެއާގައި ހުއްދަ ދީފައި ވަނީ 24 ފަރާތަކަށް ކަމަށް ވެސް ޝާފީ ވިދާޅުވި އެވެ.
"މިދިޔަ ފަހަރު ސްޓޯލްތައް އިތުރު ކުރީމާ މީހުން ގިނަ ކަމުން ސްޓޯލްތައް ކައިރީ މީހުންތައް ބޮނޑިވެގެން ތިބެން ޖެހުނު މައްސަލަ ދިމާވި. އެހެންވެ މިފަހަރު ސްޓޯލްތައް މަދުކޮށްފައި އެކަމަކު ބޮޑެތި ވާނެ،" ޝަފީ ވިދާޅުވި އެވެ.
މިފަހަރުގެ ބްރައިޑް މޯލްޑިވްސް ފެއާ އަށް އާންމުންނަށް ހިލޭ ވަދެވޭ ގޮތަށް ހުޅުވާލާފައިވާ އިރު ބްރައިޑް މެގަޒިން ގަންނަ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ހިލޭ އައިޕެޑެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފެއާ ވެސް ކުރިއަށް ދާނީ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށެވެ.
މި ފަހަރުގެ ފެއާގައި ވެސް ކޭޓަރިން އާއި، ޑިޒައިނަރުންނާއި މޭކަޕްކޮށްދޭ ފަރާތްތަކާއި ފޮޓޯ ނަގައިދޭ ސްޓޫޑިއޯތަކާއި އަދި ވެޑިން ހަފްލާތައް ޖަރީކުރުމަށް ބޭނުންވާ ޑެކޮރޭޓިވްސް އާއި މާމެލާމެލީގެ ތަފާތު ވިޔަފާރިކުރާ ތަންތަނުގެ ސްޓޯލްތަކުގެ އިތުރުން ކޮޓަރި ތެރެ ޒީނަތްތެރި ކޮށްދޭ ފަރާތްތަކުން ބައިވެރިވާނެ އެވެ.
ބްރައިޑް މޯލްޑިވްސް އިން ވަނީ ޖުލައި މަހު ތެރޭ މޯލްޑިވިއަން ފެޝަންވީކްގެ ނަމުގައި ދިވެހި ޑިޒައިނަރެއްގެ ހެދުންތައް ދައްކާލާފަ އެވެ. އަދި އައްޑޫގައި ވެސް ވަނީ ފެޝަންވީކް ބާއްވާފަ އެވެ.