ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލް މެޑްރިޑާއި ލިވަޕޫލް ވާދަކުރި މެޗުގައި، މިސްރުގެ ލިވަޕޫލް ފޯވަޑް މުހައްމަދު ސަލާހުގެ ކޮނޑު ހުޅަށް ލިބުނި އަނިޔާ އިން ރަނގަޅުވުމަށް އެންމެ ގިނަވެގެން ވެސް ނަގާނީ ތިން ހަފްތާ ކަމަށް މިސްރުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.

މިސްރުގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރަސްމީ ޓުވިޓާ އެކައުންޓުން އިއްޔެ ކޮށްފައިވާ ޓްވީޓުގައި ގައުމީ ޓީމުގެ ޑޮކްޓަރު އަބުރިޑާއާ ހަވާލާދީ ބުނެފައި ވަނީ ސަލާހުގެ އަނިޔާއިން ރަނގަޅުވުމަށް އޭނާއަށް ބޭނުން ވަނީ ގިނަ ވެގެން ތިން ހަފްތާ ކަމަށެވެ. ސަލާހަށް ލިބުނު އަނިޔާއާ ގުޅިގެން އިތުރު ފަރުވާތަކަށް މިވަގުތު ސްޕެއިންގައި ހުރި އިރު، މިސްރުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 15 ވަނަ ދުވަހު ނުކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.

އެ ގައުމުން ކުޅޭ ދެވަނަ މެޗުގައި ރަޝިޔާއާ ދެކޮޅަށް އަންނަ މަހު 19 ވަނަ ދުވަހު ނުކުންނަ އިރު، ގްރޫޕް އީގައި މިސްރުން ކުޅޭ ފަހު މެޗުގައި ސައުދީ އަރަބިއާ ދެކޮޅަށް ކުޅޭނީ އަންނަ މަހު 25 ވަނަ ދުވަހުގަ އެވެ.

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލާއި ރެއާލް ކުޅުނު މެޗުގެ ކުރީކޮޅުގައި ރެއާލްގެ ސްޕެއިން ޑިފެންޑަރު ސާޖިއޯ ރާމޯސްގައި ޖެހި ވެއްޓުމުން ސަލާހުގެ ކޮނޑު ހުޅަށް ލިބުނު އަނިޔާއާ އެކު އޭނާ ވަނީ މެޗުގެ ފުރަތަމަ ހާފްގައި ދަނޑުން ބާލައިފަ އެވެ.

މިސީޒަންގައި ލިވަޕޫލަށް 44 ގޯލް ޖަހައިދިން ސަލާހަކީ މިސްރުގެ ގައުމީ ޓީމަށް ވެސް އެންމެ މުހިއްމު ކުޅުންތެރިޔާ އެވެ. ގިނަ އަހަރުތަކަކަށް ފަހު މި އަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައި ކޮށްދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ސަލާހަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލޭނެ ކަމުގެ ވާހަކަތައް ފެތުރުނު ނަމަވެސް މިސްރުގެ ފުޓުބޯޅަ އިދާރާ އިން މި ވަނީ ސަލާހުގެ ފިޓްނަސްއަށް ބޮޑު ޔަގީންކަމެއް ދީފަ އެވެ.