31 May 2018, 04:04
މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ހައްޔަރުކުރުމަށްފަހު ފުލުހުންގެ ތަހުގީގަށް ފޯނު ދޭން އެންގުމުން ފޯނު ނުދިން މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދު އަދި ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ކުރާ ދައުވާގައި އެ ތިން ބޭފުޅުންނާ ދެކޮޅަށް ތިން މީހަކު ހެކިބަސް ދީފިއެވެ.
އެ މައްސަލާގައި އެ ތިން ބޭފުޅުންގެ މައްޗަށް ވެސް އުފުލާފައި ވަނީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.
މިރޭ ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ތިން މީހުން ވެސް ހެކިބަސްދީފައި ވަނީ ސިއްރުންނެވެ. އެ ތިން ހެކީންނަކީ މައުމޫނާއި އަބްދުﷲ ސައީދު އަދި އަލީ ހަމީދަކީ މޮބައިލް ފޯނު ގެންގުޅުއްވާ ބޭފުޅުންކަން ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންނެވެ.
ހެކިބަސް ދިން ފުރަތަމަ މީހާ ބުނީ މައުމޫނާއި އަލީ ހަމީދު މޮބައިލް ފޯނު ގެންގުޅެނިކޮށް އޭނާއަށް ފެނިފައިވާ ކަމަށެވެ. އަދި އެ ދެ ބޭފުޅުންނާ ތަފާތު އެކި ދުވަސްމަތިން ފޯނުން މުއާމަލާތް ކޮށްފައިވާނެ ކަމަށް ވެސް ހެކިބަސްދެމުން އެ މީހާ ބުންޏެވެ.
ދެވަނަ އަށް ހެކިބަސް ދިނީ ސުޕްރީމް ކޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އޭނާ ބުނީ އަބްދުﷲ ސައީދާއި އަލީ ހަމީދު މޮބައިލް ފޯނު ގެންގުޅުއްވަނިކޮށް ފެނިފައިނުވާ ކަމަށާއި ނަމަވެސް އަލީ ހަމީދު ފޯނެއް ގެންގުޅޭކަން އެނގޭ ކަމަށެވެ.
ތިން ވަނައަށް ހެކިބަސް ދިން މީހާ ބުނީ އަލީ ހަމީދު މޮބައިލް ފޯނެއް ގެންގުޅޭކަން އޭނާއަށް އެނގޭ ކަމަށާއި އެކިފަހަރުމަތިން ފޯނުން އޭނައާ މުއާމަލާތްކޮށްފައިވާނެ ކަމަށެވެ.
މިރޭގެ ޝަރީއަތުގެ މަޖިލީހަށް އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ވަކީލުން ހާޒިރުވެވަޑައިގަތެވެ. ނަމަވެސް ފުރަތަމަ ހެކިވެރިޔާގެ ހެކިބަސް ނެގިފަހުން އެ ހުރިހާ ވަކީލުން ވަނީ އެ މައްސަލައިން ތަނާޒުލްވާން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
އެ ވަކީލުން ތަނާޒުލްވުމުން ބާކީ ތިބި ދެ ހެކީންގެ ހެކިބަސް ނެގީ އެ ވަކީލުންނާ ނުލައިއެވެ.
މައުމޫންގެ ވަކީލުން ރޭ މައްސަލައިން ތަނާޒުލްވެފައިވާތީ، އިތުރު ވަކީލަކު އައްޔަން ކުރަން އެމަނިކުފާނަށް ރޭގެ އަޑުއެހުމުގައި ފުރުސަތު ދެއްވިއެވެ. ނަމަވެސް މިރެއާ ހަމައަށް މައުމޫނު އިތުރު ވަކީލަކު ހަމަޖައްސަވާފައެއްނުވެއެވެ.
މިރޭގެ އަޑުއެހުން ފެށުމާ އެކު، ތެދުވެވަޑައިގެން، މައުމޫން ވިދާޅުވީ ވަކީލަކު ހަމަޖައްސަން މިއަދު ވެސް އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވި ކަމަށާއި އެކަމަކު ވަކީލަކު ހަމަނުޖެހުނު ކަމަށެވެ. އަދި އެކަމަށް މަދުވެގެން ފަސް ވަރަކަށް ދުވަސް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، އަޑުއެހުން ފަސްކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
ޖަވާބުގައި ގާޒީ ހަސަން ނަޖީބު ވިދާޅުވީ، ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު މައުމޫނަށް އަދިވެސް އެބައޮތް ކަމަށެވެ. އެކަމަކު ޝަރީއަތް ފަސްކޮށްދެވެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ހަސަން ނަޖީބު މިރޭގެ އަޑުއެހުން ނިންމަވާލެއްވީ މާދަމާ ރޭ ވެސް އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނެކަން އިއުލާން ކުރެއްވުމަށްފަހުއެވެ.