31 May 2018, 01:39
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެންމެ ބޮޑު އެއް ސަޕޯޓަރުގެ ގޮތުގައި ގިނަ ބަޔަކަށް އެނގިގެން ދިޔަ ކައިރޭ ޅަތުއްތު (ކައިރޭ) މަރުވެއްޖެއެވެ.
މާލެއަށް ނިސްބަތްވާ ކައިރޭ މަރުވެފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. ކައިރޭ މަރުވެފައިވަނީ އޭނާގެ އަންހެނުންގެ ރަށް ކަމަށްވާ ރ. އުނގޫފާރުގައެވެ.
ކުޅިވަރުގެ ދާއިރާގައި އާންމުކޮށް ފެންނަ މޫނެއް ކަމަށްވާ ކައިރޭ، ގިނަ މީހުންނަށް އެނގިގެން ދިޔައީ ނިއުގެ "ހާޑްކޯ" ސަޕޯޓަރެއްގެ ގޮތުގައެވެ. ހާއްސަކޮށް ވަރަށް ފަހަކާ ޖެހެންދެންވެސް ނިއު ކުޅޭ މެޗުތަކުގައި ދަނޑަށް ވަދެ ކައިރޭ ވަނީ އެޓީމަށް ސަޕޯޓުކޮށްފައެވެ.
ކައިރޭ މަރުވުމާއެކު ނިއުއިން ވަނީ ކްލަބުގެ ފޭސްބުކް ޕޭޖުގައި އެކަމުގެ ހިތާމައިގައި ބައިވެރިވާ ކަމަށް ބުނެފައެވެ. ނިއުއިން ބުނެފައިވަނީ ވަކިވެގެން ދިޔައީ ނިއުގެ ލޮބުވެތިި ސަޕޯޓަރެއް ކަމަށާއި، އެކަމުގެ ހިތާމައިގައި ބައިވެރިވާ ކަމަށެވެ.
ކައިރޭގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭގެ ވަގުތެއްގައި އުނގޫފާރުގައެވެ.