31 May 2018, 10:13
އަލީ ބަނަތު އަކީ އޮސްޓްރޭލިއާއަށް ނިސްބަތްވާ މުސްލިމު ޒުވާނެކެވެ. މުއްސަނދި ސްޓައިލިޝް ދިރިއުޅުމެއް އުޅުމެއް އުޅެމުންދިޔަ ބަނަތުގެ ދިރިއުޅުން ބަދަލުވީ މީގެ ތިން އަހަރު ކުރިން އޭނާއަށް ކެންސަރު ޖެހިފައިވާކަމަށް ޑޮކްޓަރު ބުނުމުންނެވެ.
އޭރު ބަނަތުގެ ހަށިގަނޑުގައި ކެންސަރު ހުރީ ހަތަރުވަނަ ސްޓޭޖުގައެވެ. ޑޮކްޓަރުން ލަފާކުރެއްވީ އޭނާ ދުނިޔޭގައި ހުންނާނީ ހަތް މަހު ކަމަށެވެ. މިއާއެކު އޭނާ ނިންމީ މިލްކިއްޔާތުގައި ހުރި މުދާ މުސްލިމުންނަށް ސަދަގާތް ކުރުމަށެވެ. ކެންސަރު ޖެހިފައިވާކަން އެނގުމުން ބަނަތު ވަނީ އޭނާގެ ވިޔަފާރި ވިއްކާލައިފައެވެ. ދުނިޔެއަށް ވުރެ އާޚިރަތް އިސްކޮށް މުސްލިމުންނަށް އެހީވުމުގައި ދިރިއުޅުމުގެ ބާކީ ދުވަސްތައް ހޭދަކުރަން ނިންމިއެވެ.

ބަނަތު އެފްރިކާ ކުދިންތަކަކާއެކު ---
މުސްލިމްސް އެރައުންޑް ދަ ވޯލްޑްގެ ނަމުގައި ބަނަތު ފެށި މަސައްކަތުން އެތައް ހާސް މުސްލިމުންނަށް ވަނީ އޭގެ އެދެވޭ އަސަރު ކޮށްފައެވެ. ކެންސަރަކީ "މަރަށް ހުކުމް ކުރުން" ކަމަށް ބައެެއް މީހުންނަށް ހީވި ނަމަވެސް ބަނަތު ދެކުނު ގޮތުގައި އެއީ އޭނާއަށް ލެއްވި ރަހުމަތެކެވެ.
އޭނާގެ "ގިފްޓެޑް ވިތް ކެންސާ" ވީޑިއޯ އަކީ ގިނަ ބަޔަކަށް އަސަރު ކުރިވި ވީޑިއޯ އެކެވެ. މުއްސަނދި ދިރިއުޅުން ދޫކޮށްލައި، އާޚިރަތަށް ޓަކައި މަސައްކަތް ކުރަން ފެށިގޮތް އޭނާ އެ ވީޑިއޯގައި ކިޔައިދެއެވެ.

"އަލްހަމްދުﷲ. މިއީ އަހަންނަށް ރަހުމަތެއް. އަހަރެންގެ ދިރިއުޅުން ބަދަލުވެއްޖެ. މީހުންނަށް އެހީތެރިވުމަކީ މިހާރު އުފަލެއް. މި ބަލި އަހަރެން ބަދަލުކޮށްލައިފި،" އޭނާ ބުނެފައިވެއެވެ.
އަގުބޮޑު ގަޑިތަކާއި ބްރޭންޑެޑް ކާރުތައް އަދި އަންނައުނު ލައި އުޅުނު ބަނަތު އެ ހުރިހާ އެއްޗެއް ސަދަގާތް ކުރީއެވެ. އަމިއްލައަށް އެފްރިކާގެ ބައެއް ގައުމުތަކަށްގޮސް ފަގީރުންނަށް އެހީވިއެވެ.
ބަނަތުގެ ޗެރިޓީ މަސައްކަތަށް ލިބޭ ފައިސާއިން އެފްރިކާގައި މިސްކިތަކާއި ސްކޫލެއް ބިނާ ކުރަން އޭނާ ވަނީ ނިންމައިފައެވެ. ބަނަތު ބުނެފައިވާގޮތުން ހިނގަހިނގައި ހުންނަ ސަދަގާތަކީ މަރުުވުމަށްފަހުވެސް ހެޔޮ ޖަޒާ ލިބެނިވި ކަމަކަށްވާތީ، އާޚިރަތަށްޓަކައި ކަމެއް ކުރަން ބޭނުންވީ ކަމަށެވެ.

ބަނަތު އަބަދުވެސް ބުނަމުން އައި ވާހަކައަކީ މަރަށް ތައްޔާރުވެގެން ހުންނަން ޖެހޭނެ ކަމުގެ ވާހަކައެވެ. އޭނާގެ އުމުރުުގެ ފަހު ދުވަސްތައް ހޭދަކުރީ ސަހަރާއަށް ޒިޔާރަތްކޮށް މަރު ހަނދުމަކުރުމުގައެވެ. އެހީއަށް ބޭނުންވެފައިތިބޭ މީހުންނަށް އެހީ ފޯރުކޮށްދިނުމުގައެވެ.
ބަނަތު މަރުވީ މެއި މަހުގެ 29 ވަނަ ދުވަހު އެވެ. އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ދަނީ އޭނާއަށް ހެޔޮ ދުއާ ކުރަމުންނެވެ. އަދި ބަނަތުގެ ޗެރިޓީ މަސައްކަތް ކުރިއަށް ގެންދަން އެ މަސައްކަތުގައި އޭނާ އާ ބައިވެރިވި މީހުން ވަނީ ނިންމައިފައެވެ.