31 May 2018, 10:53
ކާނޯއަކީ ނައިޖީރިއާގެ އެންމެ ބައިބޯ އެއް އަވަށެވެ. އެގައުމުގެ އިގްތިސާދުގައިވެސް މުހިއްމު ދައުރެއް އަދާކުރާ މި ސަރަހައްދުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ރަނގަޅު ތައުލީމެއް ނުލިބުމެވެ. އާންމުންގެ އަތްމަތި ދަރިވުމެވެ.
ކާނޯގައި ގިނަ ޕްރައިވެޓް ސްކޫލުތަކެއް ހުރި ނަމަވެސް އެ ސްކޫލުތަކަށް ދަރިން ފޮނުވަން ގިނަ ބެލެނިވެރިންގެ އަތްމަތި ތަނަވަހެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދުގެ ގިނަ ބަޔަކު އެމީގުންގެ ދަރިން ތައުލީމު ހާސިލުކުރަން ފޮނުވަނީ ސަރަހައްދުގައި ހުރި އިސްލާމީ ތައުލީމުދޭ މަރުކަޒަކަށެވެ.

"ތަހްފީދުލް ގުރުއާން ސްކޫލް"ގައި 250އަށް ވުރެ ގިނަ ކުދިން އުނގެނެއެވެ. އެކުދިންނަށް ސްކޫލުން ލިބޭ ބްރޭކް ގަޑީގައި މަގުތައް މައްޗަށް ނިކުންނަނީ ސައިބޯނި ފުޅިއަކާ ފޮތިިގަނޑެއް ހިފައިގެންނެވެ. އެކި މީހުންގެ ކާރުތަކުގެ ބިއްލޫރި ފޮހެދީ، ސައިކަލު ފޮހެދިނުމަކީ އެކުދިން ކުރާ މަސައްކަތެވެ. ބައެއްފަހަރު ގޭގޭގައި ދޮންނަން ހުންނަ ތަށިތެލި ދޮވެދެއެވެ. ހަދިޔާ އަކަށް ބަނޑުފުރާނަ މުއްތިކޮށްލާނެ ކާއެއްޗެއް ދިއްކޮށްލައެވެ. އެއާއެކު އެކުދިންގެ މޫނުމަތިން އެ ފެންނަ ހިނިތުންވުމަކީ މާނަފުން ހިނިތުންވުމެކެވެ.
"ކޮންމެ ދުވަހަކު ދެތިން ފަހަރު މިކަހަލަ މަސައްކަތެއް ކުރަން. މިގޭ ދައްތަމެން ކަހަލަ މީހަކު ހިތަށް ތަދުވެގެން އަހަރެމެންނަށް މަސައްކަތެއް ދޭނެ، ހަދިޔާ އަކަށް ކާންވެސް ދޭނެ. އެއީ ހިތްހަމަ ޖެހުމެއް،" އުމުރުން 13 އަހަރުގެ މުހައްމަދު ސާގިރު ބުންޏެވެ.
"ބައެއް ފަހަރު ބްރޭކް ނިންމާފައި ދަނީ އެއްވެސް މަސައްކަތެއް ނުލިބި. އެހެންވެއްޖެ ނަމަ އެދުވަހު ތިބެނީ ބަނޑުހައިކަން މަތީ،" އުމުރުން 15 އަހަރުގެ އުމަރު މުހައްމަދު ކިޔައިދިނެވެ.
"އަހަރެން މިހެން އުޅޭތާ ހަތަރު އަހަރު މިވަނީ."
ގަޑިއެއްހައި އިރު ފަހުން އެ ކުދިންގެ ސްކޫލުގައި ހުންނަ ލަކުޑި ގޮނޑިއެއްގައި ހުރިހާ ކުދިން އިށީނދެ ތިބެ ގުރުއާން ކިޔަވާ އަޑު އިވެން ފަށާނެއެވެ.
"އަހަންނަށް އެނގޭ ކުދިންނަށް ދިމާވާނެ ދަތިތައް. ކުދިންނަށް ދޭނެ ކާއެއްޗެއް ނުލިބޭ. ސަލާންޖަހާ ހަދައިގެން ކާއެއްޗެހި ހޯދާ ކަންވެސް އެނގޭ،" ބޯޑިން ސްކޫލެއްގެ ގޮތުގައި ތަހްފީދުލް ގުރުއާން ސްކޫލް ހިންގަމުން އަންނަ އެ ސްކޫލުގެ ޕްރިންސިޕަލް އަލާރަންމާ އީސާ ސުލައިމާން ބުންޏެވެ.
"އެކުދިން އެހެން ބޭރުތެރޭ އުޅުން ރައްކާތެރިއެއް ނޫން. އެކަމަކު އެނޫން ގޮތެއް ނެތް. 250 ކުދިންނަށް ކައްކައި ކާންދޭން އަހަރެމެންނަށްވެސް ނުލިބޭ."

މިއިން ކޮންމެ ކުއްޖެއްގެ މައިންބަފައިންވެސް އެކުދިންގެ ސްކޫލު ފީގެ ގޮތުގައި މަހަކު 19 ޑޮލަރު ދައްކައެވެ. މިއީ އެ ސަރަހައްދުގެ އެހެން ސްކޫލުތަކާ އަޅާ ބަލާއިރު ދެ ގުނަ ހެޔޮ އަގެކެވެ. ދެން ހުރީ ދީނީ ތައުލީމު ދޭ ސްކޫލުތަކެއް ނޫނެވެ.
މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ނައިޖީރިއާގެ މި ސަރަހައްދުގައި ހުންނަ ހަމައެކަނި ދީނީ ތައުލީމުދޭ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ އެ ސްކޫލަށް ސަރުކާރުގެ އެހީ ބޭނުންވާ ކަމަށެވެ.
"ބައެއް ފަހަރު ބެލެނިވެރިންނަށް ފީ ނުދެއްކޭ. އަހަރެމެން ބޭނުންވޭ އެހީ. ސަރުކާރުގެ އެހީ ވަރަށް ބޭނުން. މި މަސައްކަތް ކުރަނީ އެއްވެސް ކުއްޖހެއް ފޮނުވާ ނުލާ ގެންގުޅެވޭތޯ،"
މި ސްކޫލުގައި ހަ ކްލާސް ރޫމު ހުންނައިރު ބޯޑިން އެއް ކަމުން ކުދިން ނިދަނީވެސް އެތަނުގައެވެ. ބައެއް ކުދިން ބޭރުގައި ވެސް ނިދައެވެ.
"މިހާލުގައިވެސް ކިޔެވޭތީ އުފާވޭ. އެކަމަށް ހަމްދު ކުރަން. އެކަމަކު ހިތަށްއަރާ މިއަށްވުރެ ރަނގަޅު ގޮތެއް ވާނެ ނަމައޭ،" އެ ސްކޫލުގެ އެހެން ދަރިވަރެއް ކަމަށްވާ ޝާފިއު މުހައްމަދު ބުންޏެވެ.
ތަހްފީދުލް ގުރުއާން ސްކޫލަށް ދަނީ ހަމައެކަނި ކާނޯގެ ރައްޔިތުންގެ ދަރިންނެއް ނޫނެވެ. އެހެން ސަރަހައްދުތަކުންވެސް އެމީހުންގެ ދަރިންނަށް ރަނގަޅު ދީނީ ތައުލީމެއް ދިނުމަށް ކޮންމެ ހާލެއްގައި އުޅެން ޖެހުނު ނަމަވެސް ދަރިން އެ ސްކޫލަށް ފޮނުވައެވެ. ރަނގަޅު ސްކޫލަކަށް ފޮނުވާނެ ތަނަވަސްކަން ނެތުމާއެކުވެސް މެެއެވެ.
"ދީނީ ތައުލީމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން މި ހާލަތަށް ކެތް ކޮށްލައިގެން ހުންނަނީ. ސކޫލުން ކެނޑިގެން ދާކަށް ބޭނުމެއްވެސް ނޫން،" ޝާފިއު ބުންޏެވެ.
އަލްޖަޒީރާ