އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 55 ރުފިޔާ ބަހަން އެކުންފުނިން ފާސްކޮށްފިއެވެ.

މިރޭ އެސްޓީއޯއިން ބޭއްވި އެކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި، ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 55 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ހުށަހެޅުމަށް ވޯޓު ނަގާފައިވަނީ ހިއްސާގެ އަދަދުންނެވެ. އަދި ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔައީ މިދިޔަ އަހަރު އެސްޓީއޯއިން ތައާރަފުކުރި އިލެކްޓްރޯނިކް ވޯޓިންގް ނިޒާމުގެ ތެރެއިންނެވެ.

މިރޭގެ ޖަލްސާގައި ޖުމްލަ 118 ހިއްސާދާރުން ބައިވެރިވިއެވެ. އެއީ ޖަލްސާއަށް ހާޒިރުވި 55 ހިއްސާދާރަކާއި ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވި 63 ހިއްސާދާރުންނެވެ.

ހިއްސާއަކަށް ފައިދާގެ ގޮތުގައި 55 ރުފިޔާ ބަހަން ފެންނަ ކަމަށް ވޯޓު ދިނީ 926،070 ހިއްސާ ތަމްސީލުކުރާ ހިއްސާދާރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ 2،282 ހިއްސާ ތަމްސީލުކުރާ ހިއްސާދާރުންނެވެ. އަދި 250 ހިއްސާ ތަމްސީލުކުރާ ހިއްސާދާރުން ވޯޓުގައި ބައިވެރި ނުވެއެވެ.

އެސްޓީއޯގެ 2017 ވަނަ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ވޯޓުލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 7.5 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. ކުންފުނި ހިންގުމުގެ ފައިދާގެ ގޮތުގައި 287 މިލިޔަން ރުފިޔާ ލިބުނު އިރު، ސާފު ފައިދާގެ ގޮތުގައި އެސްޓީއޯއަށް 211 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

އެސްޓީއޯގެ އަންނަ އަހަރުގެ އެކްސްޓާނަލް އޮޑިޓަރަކަށް ހަމަޖެއްސީ، 48،320 ޑޮލަރުގެ އުޖޫރައަކާ އެކު ކޭޕީއެމްޖީއެވެ.

އެސްޓީއޯއިން އެކުންފުނީގެ ހިންގާ ގަވައިދަށް ހުށަހެޅި އިސްލާހުތައް ވެސް ވަނީ މިރޭގެ ޖަލްސާގައި ފާސްކޮށްފައެވެ. އެ އިސްލާހުތައް ފާސްކުރީ 926،009 ހިއްސާ ތަމްސީލުކުރާ ހިއްސާދާރުންގެ ވޯޓާ އެކުއެވެ.

މީގެ އިތުރުން އަންނަ އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރަކު ވަނީ އިންތިޚާބުކޮށްފައެވެ. ޑިރެކްޓަރުންގެ ބޯޑުން އާންމު ހިއްސާދާރުންނަށް ހުށަހެޅި ނަމަކީ ގދ. ގައްދޫ، ބިލެއްމާގެއާއިޝަތު ފަޒީނާއެވެ.

އެސްޓީއޯގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑިރެކްޓަރުންގެ ބޯޑަށް ފަޒީނާ އިންތިޚާބުވީ ޖަލްސާއަށް ހާޒިރުވި އާންމު ހިއްސާދާރުންގެ ތެރެއިން 108 ހިއްސާދާރުންގެ ވޯޓުންނެވެ. ފަޒީނާ މީގެ ކުރިން ވަނީ އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ޚިދުމަތް ކުރައްވާފައެވެ. އަދި އެމްޓީޑީސީގެ ބޯޑުގައި ވެސް އިންނަވައެވެ.

ކުންފުނީގެ ބޯޑަށް ޑިރެކްޓަރުންގެ ގޮތުގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ މިހާރުވެސް ބޯޑުގައި ތިއްބެވި ހަ ޑިރެކްޓަރެކެވެ.

އެ ބޭފުޅުންނަކީ:

  • ހުސައިން ސާލިމް މުހައްމަދު(ޗެއާމަން)

  • އަހްމަދު ޝަހީރު(މެނޭޖިންގް ޑިރެކްޓަރު)
  • މުހައްމަދު މިހާދު(ޗީފް ފައިނޭންޝަލް އޮފިސަރު)
  • އާމިރު މަންސޫރު
  • ޑރ. އާއިޝަތު ރަފިއްޔާ
  • މަރިޔަމް ޒާހިޔާ