ޓެކްސްގެ ގާނޫނަށް އިސްލާހު ގެންނަން ނިންމާފައިވާތީ އިރުދުންގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

މި މުޒާހަރާއަށް އެއްބާރުލުން ދިނުމަށް އެ ގައުމުގެ ފިހާރަތަކާއި ހޮޓާ ރެސްްޓޯރެންޓުތައް ވަނީ ބަންދުކޮށްފައެވެ. މި މުޒާހަރާތަކުގައި ޓްރޭޑް ޔޫނިއަން ތަކުންނާއި އާންމުންވެސް ވަނީ ބައިވެރިވެފައެވެ.

އަންމާނުގެ ޕްރޮފެޝަނަލް އެސޯސިއޭޓް ކޮމްޕްލެކްސް ދޮރުމައްޗަށް އެއްވެ، މުޒާހަރަގެ ބައިވެރިން ވަނީ ސަރުކާރުގެ އިސްތިއުފާއަށް ގޮވައިފައެވެ.

އުރުދުންގެ ޓެކްސްގެ ގާނޫނަށް ގެންނަން ނިންމާފައިވާ ބަދަލާއެކު އިންކަމް ޓެކްސް ނަގާ މިންވަރު އިތުރު ކުރާނެއެވެ. މި ބަދަލާއެކު އާންމު ރައްޔިތުންނަށް އަސަރު ނުކުރި ނަމަވެސް ވިޔަފާރިތަކަށް ވަރަށް ބޮޑަށް އަސަރު ކުރާނެއެވެ.

މި އިސްލާހު ފާސްވެއްޖެ ނަމަ އިންކަމް ޓެކްސް ދައްކަން ޝަރުތުހަމަވާ މީހުންގެ އާމްދަނީގެ 25 ޕަސެންޓް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. މި ބަދަލު ގެންނަނީ ޓެކުހަށް މަކަރު ހަދާ މީހުން މަދު ކުރަން ކަމަށާއި މި ބަދަލުގެ އަސަރު ކުރާނީ މަދު ބަޔަކަށް ކަމަށް ސަރުކާރުން ބުނެއެވެ.