ޕަޕުއާ ނިއުގިނީގައި އެއް މަހަށް ފޭސްބުކް ބްލޮކު ކުރަން ނިންމައިފިއެވެ.

އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނީ ފޭސްބުކް ބްލޮކު ކުރަނީ ފޭކް އެކައުންޓުތައް ދެނެގަތުމަށް ކަމަށެވެ.

އެ ގައުމުގެ ކޮމިއުނިކޭޝަން މިނިސްޓަރު ސޭމް ބޭސިލް ވިދާޅުވީ މިއީ އިންޓަނެޓު މެދުވެރިކޮށް ހާއްސަކޮށް ފޭސްބުކް މެދުވެރިކޮށް ދޮގު ހަބަރު ފަތުރާ، އިޖްތިމާއީ މިންގަނޑާ ހިލާފު ކޮންޓެންޓު ޕޯސްޓު ކުރާ މީހުން ދެނެ ގަތުމަށްް ނިންމި ނިންމުމެއް ކަމަށެވެ.

ސޭމް ވިދާޅުވީ ދޮގު ހަބަރު ފަތުރާ މީހުންގެ މައުލޫމާތު ދެނެގަނެ އެމީހުން ފޭސްބުކް ބޭނުންކުރުމުން ސަސްޕެންޑު ކުރުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

"މިއީ ސޯޝަލް މީޑިއާ ބޭނުން ކުރާ މީހުން ޒިންމާދާރު ކުރުުމަށް ނިންމި ނިންމުމެއް. ފަހަރުގައި ދެން އަހަރެމެންގެ އަމިއްލަ ސޯޝަލް ނެޓްވޯކެއް ބޭނުން ކުރަންވެސް ފެށިދާނެ،" ސެމް ވިދާޅުވިއެވެ.

ޕަޕުއާ ނިއު ގިނީއިން މި ނިންމުން ނިންމާވައި ވާއިރު، 2009 ވަނަ އަހަރުން ފެށިގެން ޗައިނާގައި ވެސް ވަނީ ފޭސްބުކް ބްލޮކް ކޮށްފައެވެ. މީގެ އިތުރުން 2016 ވަނަ އަހަރު އުތުރު ކޮރެއާ އިންވެސް ވަނީ ފޭސްބުކް އާއި ޓްވިޓާ ބްލޮކު ކުރަން ނިންމާފައިވާ ކަމަށް ބުނެފައެވެ. މި ލިސްޓުގައި އީރާނުވެސް ހިމެނެއެވެ. އެގައުމުންވެސް ދޭތެރެ ދޭތެރެއިން ފޭސްބުކް ބްލޮކު ކުރެއެވެ.