ކުރެއްދޫ ހޯލްޑިންގްސް އަކީ ދިވެހި އިގްތިސާދުގައި މުހިއްމު ނަމެކެވެ. ޗަމްޕާ ބްރަދާސްގެ ހިއްސާ އޮންނަ މި ކުންފުނިން ރާއްޖޭގެ ސިއްހީ ނިޒާމަށް ބޮޑު އިންގިލާބެއް ގެނައުމުގައި ހަރަކާތްތެރިވިއެވެ. މިއީ ފަތުުރުވެރިކަމުގައި ވެސް ބޮޑު ނަމެކެވެ. މިފަހަރު މިއޮތީ އެއަށްވުރެވެސް ބޮޑު މަޝްރޫއަކާ ހަވާލުވެފައެވެ. ޅ. އަތޮޅުގައި ވައިގެ ބަނދަރެއް ތަރައްގީ ކުރުމަށް އިއްޔެ ވަނީ ކުރެއްދޫ ހޯލްޑިންގްސް އާ ހަވާލުކޮށްފައެވެ.

މަސައްކަތުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެއް ހިއްސާދާރު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެވެ. މިފަދަ މަޝްރޫއެއް އެ ކުންފުނިން ކުރިއަށް ގެންދަން ނިންމީ ކީއްވެތޯ އުއްޗު ކުރެން އަހާލަން އެ ރަސްމިއްޔާތުގައި ބައިވެރިވި ނޫސްވެރިން ތިބީ އަހާލަން ބޭނުންވެފައެވެ. ނަމަވެސް އެ ރަސްމިއްޔާތުގައި އުއްޗު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ހުރަވަޅި މޯލްޑިވްސްގެ ކަނޑު އަޑީގެ ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތު ނިންމާލުމަށްފަހު، އެ ރެސްޓޯރެންޓުގެ މަތީގައި ހުންނަވާ އުއްޗު ވަނީ މާނަފުނ،ް ކުރު ބަސްކޮޅެއް ވިދާޅުވެފައެވެ.

އެންމެ ފުރަތަމަވެސް ވިދާޅުވީ "މިފަދަ ކިތަންމެ ޕްރޮޖެކްޓެއް ފެށޭނެ" ކަމަށެވެ.

"ރައީސް ޔާމީން އަބަދުވެސް ވިދާޅުވާނެ ފަސްޓް ނޭޝަންއޭ. އެހެންވީމަ ނޭޝަން އާ ބެހޭ ކަމެއް ވީމާ އަ'ލުގަނޑު ހިތަށް އެރީ މިކަން ކުރަން،" އުއްޗު ވިދާޅުވިއެވެ.

އުއްޗު އަކީ ޅ. އަތޮޅުގެ ފަތުރުވެރިކަމުގައި އެންމެ ބޮޑު ހިއްސާ އަދާކުރައްވާ އެއް ބޭފުޅާއެވެ. މި ޕްރޮޖެކްޓާއެކު ފަތުރުވެރިކަމަށް އަންނާނެ ބަދަލާ ގުޅޭގޮތުން އުއްޗު ވިދާޅުވީ "ފެސިލިޓީތައް އިތުރަށް ފުޅާވެގެންދާނެ،" ކަމަށެވެ.

"ހިސާބުގަނޑިގެ މީހުންނަށް ވަޒީފާ އިތުރުވުމާ، ޒުވާނުންނަށްވެސް ވަޒީފާ އިތުރުވުމާ. އެކަމަކު އެއީ މަޑުމަޑުން. ކުއްލިއަކަށް [އިތުުރުވެގެންނެއް] ނުދާނެ،" އުއްވު ވިދާޅުވީ ޅ އަތޮޅަށްފަހު ރާއްޖެއަށްވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ.

"ތިބޭފުޅުން ތިހިސާބަށް އައިސްފައި ތިތިބީހާދަ އަހަރެއް ވެގެންނޭ. މަންމަ އުފުލާ، ގެންގުޅެ ކޮނޑަށްލާ... އެހެންވީމ އަޅުގަނޑުވެސް ވަރަށް މަސައްކަތް ކޮށްގެން މިކަން ކުރިއަށްދާނީ .ޔަންގް ޖެނެރޭޝަންތަކުން އެކަން ފާހަގަ ކުރާނީ،" އެއާޕޯޓާ މެދު ކުރައްވާ އުއްމީދުތައް އުއްޗު ސިފަކޮށްދެއްވިއެވެ.

"އަޅުގަނޑުގެ ވެސް ހުރިހާވެސް އުއްމީދަކީ [ރައީސް] ޔާމީން އެ ވިދާޅުވި ފަސްޓް ނޭޝަން. ގައުމަށް ޚިދުމަތެއް ކޮށްދެވޭތޯ ކޮންމެ ކުއްޖަކުވެސް ބަލަންވީ،"

ދެތިން މިނެޓުގެ ވާހަކަކޮޅު ނިންމަވާލައްވަމުން އުއްޗު ވިދާޅުވީ މަޝްހޫރު ދިވެހި ޅެމެއްގެ ބައިތެކެވެ.

"ހުއްބުލް ވަތަނުގެ ސިފަތަކުން ހިތް ފުރާނަމޭ.

ލައްބައިކައޭ ބުނެ ޖަވާބުދީ ގުރުބާން ވެދާނަމޭ،"

މި ބައިތު ވިދާޅުވީ ދެއްވި ނަސޭހަތަކީ "އަޅުގަނޑުމެން ވެސް ހިތްފުރުމުގެ ބަދަލުގައި ބަނޑު ފުރަން ދަސްކޮށްގެން ނުވާނެ" ކަމަށެވެ.