ސަރުކާރުގެ އެއް އޮފީހުން އަނެއް އޮފީހަށް ލިޔެކިޔުންތައް ބަދަލުކުރުމަށް ގާއިމްކޮށްފައިވާ ގަވަރުމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ސުޕްރީމް ކޯޓުން މެދު ކަނޑާލަން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަމުރުކުރި ކަން ސާބިތުބެ ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން ނިންމާލައިފިއެވެ.

އެ މައްސަލާގައި މީގެ ކުރިން އެއް އަޑުއެހުން ބާއްވާފައިވާއިރު މިއަދުގެ އަޑުއެހުމުގައި އޮތީ ދެ ފަރާތުން ހުށަހެޅި ނުކުތާތަކަށް ޚުލާސާގޮތެއްގައި އަލިއަޅުވައި ފަހު ބަސް ބުނުމެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ޖެމްސް ސިސްޓަމް ސުޕްރީމް ކޯޓުގައި ހުއްޓުވާލަން އެންގި މައްސަލާގައި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ކުށް ސާބިތުވެ، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު ހަސަން އަލީ އެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

އަބްދުﷲ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ދައުލަތް ހިންގަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވެ، އިއްވާފައިވާ ޖަލު ހުކުމް ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ އިސްތިއުނާފުގެ އަށޑުއެހުންތައް ވެެސް މިހާރު ވަނީ ނިމިފައެވެ.

މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރު ޝުޖާއު އުސްމާނު ވިދާޅުވީ އެ މައްސަލާގައި ހުކުމް އިއްވުމަށް ވަރަށް އަވަހަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.