07 Sep 2011, 13:31
އީގަލްސްއާ ދެކޮޅަށް ދިރާގު ދިވެހި ލީގުގެ ތިން ވަނަ ބުރުގެ ފުރަތަމަ މެޗުން ނިއުރޭޑިއަންޓް މޮޅުވެއްޖެ އެވެ. މިމެޗް ނިއު ކާމިޔާބު ކުރީ މެޗްގެ ފުރަތަމަ ހާފު އީގަލްސް އިން ލަނޑެއް ޖަހައި ކުރި ހޯދާފައި ވަނިކޮށް ދެ ވަނަ ހާފުގައި ފަހަތުން އަރައި ދެ ލަނޑުން ޖަހައިގެނެވެ.
މެޗަށް ނުކުތުމުގެ ކުރިން 24 ޕޮއިންޓާއެކު ލީގުގް ތާވަލްގެ ތިން ވަނަ ލިބިފައި އޮތް ނިއުގެ ކޮޅަށް، ރޭގެ މެޗްގައި އީގަލްސް އިން ލަނޑުޖަހާ ކުރި ހޯދީ މެޗްގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އީގަލްސްއަށް ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް އަހުމަދު އިމާޒެވެ.
އީގަލްސްކޮޅަށް މެޗްގެ ފުރަތަމަ ހާފުގައި ނިއުއިން ގޯލެއް ކާމިޔާބު ނުކުރެވުނުއިރު، މެޗްގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-0 ލަނޑުން އީގަލްސް ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ހާފުގައި ނިއުއިން ފެންވަރު ދައްކާލުމުގެ ނަތީޖާއަކަށްވީ، 64 ވަނަ މިނެޓުގައި ކެޕްޓަން އަހުމަދު ތޯރިގް )ޓޮމް( ކާމިޔާބު ކޮށްދީ ހަމަ ކުރުމެވެ.
ޓޮމްގެ ލަނޑާއެކު ނިއު ހަމަނޭވާ ލައި އޭގެ 10 މިނެޓުފަހުން ދެ ވަނަ ލަނޑު ޖެހީ ފަރީދު މުހައްމަދެވެ. ނިއު ލީޑު ހޯދާފައި ވަނިކޮށް މެޗުގެ 79 ވަނަ މިނެޓުގައި އީގަލްސްއަށް ނަތީޖާ ހަމަހަމަ ކޮށްލާނެ ރަނުގެ ފުރުސަތެއް ލިބި ވަނީ ނާގާލައިފަ އެވެ.
ރޭގެ މެޗަށް ފަހު ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް )މޯހަން( ބުނީ އުނދަގޫ މެޗަކުން ބުރަ މަސައްކަތުން މޮޅުވުމުން އެނގެނީ ކުޅުންތެރިންގެ މަސައްކަތުގެ ރޭޓު ރަނގަޅު ވުން ކަމަށެވެ. އަދި މެޗުން މޮޅުވެ ތިން ޕޮއިންޓު ލިބުމުން އުފާވާ ކަމަށާއި މެޗުން ލިބުނު ނަތީޖާއަށް ބަލާފައި ކުރިއަށް އޮތް މެޗަށް ފުރިހަމައަށް ތައްޔާރުވާނެ ކަމަށެވެ.
"ޓީމް ނެރުނު ނަތީޖާއާ މެދު ހިތްހަމަޖެހޭ. ޓީމް ކުޅުނީ އެހެން ދުވަސްތަކު ކުޅޭ ފޯމޭޝަނާ ހިލާފަށް. ސެންޓޭގެ އަނިޔާއެއްގެ މައްސަލަ އުޅޭތީ އާއި އޭނާ އަށް ޕްރެކްޓިހުގައި އެންމެ ރަނގަޅަށް ބައިވެރި ނުވެވޭތީ އޭނާ ނުލާ މެޗު ފެށީ. އެ ފޯމޭޝަނަށް ޕްރެކްޓިހުގައި ވަރަށް ރަނގަޅަށް ކުޅޭ. އެހެންވެ މެޗެއްގައި އެ ފޯމޭޝަން ތަޖުރިބާކޮށްލަން މިއަދު މަސައްކަތްކުރީ. އެކަމަކު އެހާ ރަނގަޅު ތަޖުރިބާއަކަށް ނުވި،" މޯހަން ބުންޏެވެ.
އީގަލްސްގެ ކޯޗު އަހުމަދު ނިމާދު )ނިމާ( ބުނީ މެޗަށް ވެވުނު ތައްޔާރީއާ ބަލާއިރު ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މެޗްގެ ކުރީ ކޮޅު ނިއުކޮޅަށް ގޯލެއް ޖެހުމުން ޓީމަށް ހިތްވަރު ލިބުނު ކަމަށާއި އެކަމަކު މެޗްގެ ފަހު ހާފު ބައިކޮޅަށް ދެ ގޯލް ވަނީ ފަހަތުން ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށެވެ.
ރޭގެ މޮޅާ އެކު ލީގު ތާވަލްގައި ނިއު އޮތީ 27 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެއް ވަނައިގައި 35 ޕޮއިންޓާ އެކު ވީބީ އޮތްއިރު ދެ ވަނައިގައި 30 ޕޮއިންޓާ އެކު އޮތީ ވިކްޓަރީ އެވެ. އީގަލްސް އޮތީ 14 ޕޮއިންޓާ އެކު މިބުރުގެ ފުލުގަ އެވެ.
މި މުބާރާތުގައި މިރޭ ކުޅޭނީ މާޒިޔާ އާއި ވިކްޓަރީ އެވެ. މެޗް ފަށާނީ 9:00 ޖަހާއިރު އެވެ.