ދިވެހިރާއްޖޭގެ އަމަން އަމާންކަމާއި މަސްލަހަތު ގެއްލޭ ގޮތަށް ބައެއް މީޑިއާތަކުން ހަބަރުތައް ފަތުރަމުންދާ ކަމަށާއި އެކަންކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވީ ނަމަވެސް އެކަން ތަކުރާރުކުރާ މީޑިއާތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރާ ގުޅިގެން އިސްކަންދަރު ކޮށީގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ އެ އަމުރާއި ގުޅިގެން ފުލުހުން ޕްރައިމަރީގެ ކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެ އަމުރުގައި ވާ ގޮތަށް ބައެއް މީޑިއާތަކުން މަސްލަހަތު ގެއްލޭ ގޮތަށް ހަބަރު ފަތުރާކަން އެ މުއައްސަސާއަށްވެސް ފާހަގަވެފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ ފުލުހުންނަކީ ރާއްޖޭގެ އަމަން އަމާންކަމާއި މަސަލަސްކަން ދެމެހެއްޓުމަށް ގާނޫނުން މަތިކޮށްފައިވާ މުއައްސަސާއަކަށް ވީތީ، މަސްލަހަތު ގެއްލޭ ގޮތަށް ބައެއް މީޑީއާތަކުން އަމަލު ކުރަމުންދާތީ މިހާރުވެސް އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އަދި އެފަދަ ހަބަރުތައް ގެނެސްދޭ ކަމަށް ބޮޑަށް ފާހަގަކުރެވިފައިވަނީ ބައެއް ޓީވީ ސްޓޭޝަންތަކުން ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

"މިފަދަ ކަންކަން މިހިސާބުން ހައްލުނުވެއްޖެނަމަ. ފުލުހުންނަށް ގާނޫނީ ތަރަހައިގެ ތެރެއިން ފިޔަވަޅު އަޅާ، ދިވެހިރާއްޖޭގެ އަމަންކަމާއި މަސްލަހަތު ގާއިމުކުރުމަށްޓަަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ވާހަކަ ދަންނަވަން،" ޝިފާން ވިދާޅުވިއެވެ.

ސިވިލް ކޯޓުގެ ވަގުތީ އަމުރު ތަންފީޒުކުރުމުގެ ގޮތުން މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވައި، ވޯޓު ފޮށިތަށް ގެންދަން ފުލުހުން މިހާރު ވަނީ ފަށާފައެވެ.

ޝިފާން ވިދާޅުވީ އަތޮޅު ތެރެއާއި މާލޭގައިވެސް ކުރިއަށްދާ ވޯޓުލުން ސިވިލް ކޯޓުގެ އަމުރާ އެއްގޮތަށް ހުއްޓުވާނެ ކަމަށާއި ގާނޫނު ތަންފީޒުކުރަން ފުލުހުން ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ ވެސް އެހީ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

މީޑިއާތަކުން ގައިދީން ޕްރޮމޯޓްވާ ކޮންޓެންޓް ނުދެއްކުމަށް ބްރޯޑްކާސްޓިން ކޮމިޝަން އަދި ހޯމް މިނިސްޓްރީންވެސް ވަނީ އަންގާފައެވެ.