ދުނިޔޭގެ ކަނޑުތައް ހިޔާމަތްކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ "ކަނޑުތަކުގެ ދުވަސް" ރާއްޖޭގެ ސްކޫލްތަކުގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން އެޑިއުކޭޝަން މިިނިސްޓްރީން އިންތިޒާމްކޮށްގެން ސްކޫލުތަކުގެ ދަރިވަރުންނަށް ހާއްސަ ހަރަކާތްތަކެއް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖޫން މަހުގެ އަށްވަނަ ދުވަހެވެ. އަދި އެ ދުވަހާއި ގުޅުވައިގެން ހިންގާ ހަރަކާތެއްގެ ގޮތުގައި އޮންނަނީ މެންދުރުގެ ކެއުމެކެވެ. އަދި އެ ކެއުމުގައި އެއްފަހަރު ބޭނުންކޮށްފައި އެއްލާލަންޖެހޭ ޒާތުގެ ޕްލާސްޓިކް އެއްވެސް އެއްޗެއް ބޭނުމެއް ނުކުރާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އުފާ ޕްރޮގްރާމްގެ ފަރާތުން ސޯފިޔާ ރަޝީދު ވިދާޅުވީ، ރޯދަމަހާ ގުޅިގެން ކަނޑުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްކޫލްތަކުގައި އޮންނާނީ ރޯދަ ވީއްލުމެއް ނުވަތަ ތަރާވީހުގެ ހަރަކާތެއް ކަމަށެވެ.

"އެއީ އެންމެ ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް އެއްފަހަރާ ބައިވެރިވެވޭނެ ހަރަކާތަކީ. އަދި ސްކޫލުތަކުން އެ ހަރަކާތުގައި ބައިވެރިކުރާނެ ދަރިވަރުން ނިސްބަތްވާ ގްރޭޑްތައް ކަނޑައަޅާނީ އެ ސްކޫލަކުން" ސޯފިޔާ ވިދާޅުވިއެވެ.

ސޯފިޔާ ވިދާޅުވީ އެ ހަރަކާތް ބޭއްވުމަށް ހަމަޖައްސައިފައިވަނީ އަންނަ މަހު ހައެއް ނުވަތަ ހަތެއްގައި ކަމަށާއި އަދި އެ ހަރަކާތުގައި ބައިވެރިވުމަކީ ސްކޫލުތަކަށް އިޚްތިޔާރީ ކަމެއް ކަމަށެވެ. އަދި ބައިވެރިވާން ބޭނުންވާ ސްކޫލުތަކުން އެ ހަރަކާތަށް ތައްޔާރުވަމުން އަންނަކަމަށްވެސް ސޯފިޔާ ވިދާޅުވިއެވެ.

ކަނޑުތަކުގެ ދިރުންތަކާ ބޭހޭގޮތުން ހޭލުންތެރިކަން އިތުުރުކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިހާރުވެސް ސްކޫލުތަކާ ގުޅިގެން ދަނީ "ފަރުކޮއި"ގެ ނަމުގައި ރާއްޖޭގެ ފަރުތައް ސްކޫލު ކުދިންނަށް ދައްކާލުމަށް ހާއްސަ ޕްރޮގްރާމެއް ހިންގަމުންނެވެެ. ރާއްޖޭގެ އެކި ސްކޫލުތަކުން މިހާތަނަށް 23،000 އަށް ވުރެ ގިނަ ދަރިވަރުން ފަރުކޮއި ޕްރޮގްރާމް ވަނީ ނިންމައިފައެވެ.

ފަރުކޮއެ ޕްރޮގްރާމްގެ ދަށުން ސްކޫލުތަކުގެ ދަރިވަރުންނާއި ސްކޫލްތަކުގެ އިސްނެގުމަށް، ރާއްޖޭގެ ހުރިހާ ސްކޫލަކާއި، ތައުލީމީ ދާއިރާގެ ހުރިހާ އޮފީހެއްގައި، އެއްފަހަރު ބޭނުންކޮށްފައި ހުންނަ ޕްލާސްޓިކް ބޭނުންކުރުން މިހާރު ވަނީ ހުއްޓާލައިފައެވެ.