ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު އުފުލެމުންދާ ރޭޓުން އުފުލެމުން ގޮސް ތެޔޮ ފީފާއެއްގެ އަގު 80 އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް އަރައިފި ނަމަ ގިނަ އެއާލައިންތައް ބަނގުރޫޓު ވެދާނެކަމުގެ ބިރު ހީވެއްޖެ އެވެ.

އަޔަލޭންޑްގެ ލޯ ކޯސްޓް އެއާލައިނެއް ކަމަށްވާ ރަޔާން އެއާލައިންގެ ސީއިއޯ މައިކަލް އޯ ލެރީ ވިދާޅުވީ ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރަށް އަރައިފި ނަމަ ކުރިއަށް އޮތް ފިނި މޫސުން ހިސާބުގައި މުޅި އެއާލައިން އިންޑަސްޓްރީއަށް ލޮޅުން އެރުން އެކަށީގެންވާ ކަމަށެވެ.

ލެރީ ވިދާޅުވީ ތެޔޮފީފާއެއްގެ އަގު 40 ޑޮލަރުގައި ހުރި އިރު ވެސް ބައެއް އެއާލައިންތަކަށް ރަނގަޅަށް ދެކޮޅުނުޖެއްސިގެން އުޅުނު ކަމަށާއި 80 ޑޮލަރަށް ތެލުގެ އަގު މައްޗަށް އަރައިފި ނަމަ ތެލުގެ އެއާލައިންތައް ބަނގުރޫޓު ވެދާނެ ކަމަށެވެ.

ތެލުގެ އަގުތައް ކަނޑައަޅާ ބްރެންޓް ކުރޫޑުން މިދިޔަ ހޯމަ ދުވަހު ތެޔޮފީފާއެއް 79 އެމެރިކާ ޑޮލަރުގައި ވަނީ މުއާމަލާތްކޮށްފަ އެވެ.

ރަޔާން އެއާގެ ޕައިލެޓުންނާ ކްރޫ އިން ބޮޑު ހަޅުތާލެއް މިހާރު ކުރިއަށްގެންދަމުން ދިޔަ ނަމަވެސް، އެ އެއާލައިނަށް މި އަހަރު ވަނީ 1.45 ބިލިއަން ޑޮލަރުގެ ފައިދާއެއް ވެފަ އެވެ. އެހެން ނަމަވެސް ތެލުގެ އަގު އުފުލުމުގެ ސަބަބުން އަންނަ އަހަރު އެކުންފުންޏަށް ލިބޭނެ ފައިދާ 1.35 ބިލިއަން ޑޮލަރަށް ވެއްޓޭނެ ކަމަށް ލެރީ ވިދާޅުވި އެވެ.