30 May 2018, 15:44
ސިވިލް ކޯޓުގެ ވަގުތީ އަމުރު ތަންފީޒު ކުރުމުގެ ގޮތުން މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވައި، ވޯޓު ފޮށިތައް ފުލުހުން ގެންގޮސްފިއެވެ.
މާލޭގެ އެކި ސަރަަހައްދުތަކުގައި ބަހައްޓާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓް ފޮށިތައް ފުލުހުން ނަގަމުން ދާއިރު މިހާރު ވަނީ އެމްޑީޕީ ހަރުގޭގައި ހުރި ހުރިހާ ވޯޓު ފޮއްޓެއް ނަގައިގެން ގެންގޮސްފައެވެ.
މާލޭގައި ވޯޓުފޮށި ބެހެއްޓިފައިވާ ސަރަހައްދުތައް
- ހ. މާދިލް
- ގ. ކަކާގެއާގެ 1
- މއ. މާވޭލާވަރު
- މ. ޖަޒުބާތު ޖަގަހަ
- މ. އާރކް އެކްސް
- އެމްޑީޕީ އޮފީސް ގްރައުންޑް ފްލޯ
- އެމްޑީޕީ ހަރުގެ
- ވިލިމާލެ ހަރުގެ
- ހުޅުމާލެ ވޯޓާސް ސްޕޯޓްސް ވަސިންޓެބީޒް
އެމްޑީޕީން ބުނީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށެއްގެ އިތުރުން ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ވެސް ކުރިއަށް ދާނެ ކަމަށެވެ.
ސިވިލް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން ފުލުހުން އެމްޑީޕީ ޕްރައިމަރީ ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާއިރު ފުލުހުންގެ އަމުރަށް ވޯޓުލުން ނުހުއްޓާނަމަ ވޯޓު ފޮއްޓާއި ވޯޓު ކަރުދާހުގެ އިތުރުން ވޯޓާސް ލިސްޓް ފުލުހުން ދަނީ އަތުލަމުންނެވެ.
އެކަމާއި ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ސިވިލް ކޯޓުގެ ކޯޓު އަމުރު ތަންފީޒުކުރުމުގެ ގޮތުން ފުލުހުންގެ ޓީމްތައް އަތޮޅުތެރޭގައި ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ސިވިލް ކޯޓުން އެފަދަ އަމުރެއް ނެރެފައި ވަނީ ކުރީގެ ރައީސް ނަޝީދަށް ވާދަކުރެވޭގޮތަށް އެމްޑީޕީގެ ޕްރައިމަރީ ބާއްވާތީ، އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން އެ ކޯޓަށް ހުށަހެޅި މައްސަލާގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދުމުންނެވެ.
ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން އެ ކޯޓަށް މައްސަލަ ހުށަހެޅީ "ގ. ކެނެރީގެ، މުހައްމަދު ނަޝީދު ބައިވެރިކޮށްގެން ރިޔާސީ ޕްރައިމަރީއެއް ބޭއްވުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށް" އެދި ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެވޭގޮތަށް ރިޔާސީ ޕްރައިމަރީއެއް ނުބޭއްވުމަށް އެމްޑީޕީގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ. އަދި އެގޮތަށް އެ ޕްރައިމަރީ ބާއްވާނަމަ އެކަން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާއި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ މައްޗަށް އަމުރުކުރާ ކަމަށް ވެސް ވަގުތީ އަމުރުގައިވެއެވެ.