އެމްޑީޕީން މިއަދު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ކަވަރު ކުރަމުންދާތީވެ، އެކަން ހުއްޓާލަން މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) ރާއްޖެޓީވީއަށް އަމުރުކޮށްފި އެވެ.

ބްރޮޑްކޮމްގެ ނައިބް ރައީސް އަދި އެ ކޮމިޝަން މިވަގުތު ހިންގުމާ ހަވާލުވެ ހުރި އެންމެ އިސްވެރިޔާ އިސްމާއިލް ސޮފްވާން މިއަދު "ސަން" އަށް ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީ ކަވަރު ކުރުމުގެ ގޮތުން ރާއްޖެޓީވީ އިން ކުރިއަށް ގެންދާ ލައިވް މެދުކަނޑާލަން އަންގާފައިވާނެ ކަމަށެވެ.

އަދި އެފަދަ ކޮންޓެންޓް ގެނެސްދޭ ސްޓޭޝަންތަކަށް އެކަން އަންގަމުންދާނެ ކަމަށާއި މިވަގުތު ހަމައެކަނި އަންގާފައިވަނީ ރާއްޖެޓީވީ އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެޓީވީއަށް ސޮފްވާން ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އެ ސްޓޭޝަނުން ގެނެސްދެމުންދިޔަ ލައިވް ކަވަރޭޖް ހުއްޓާލުމަށް އެންގީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ރ)ގެ ދަށުން އެ ކޮމިޝަނަސް ލިބިފައިވާ ބާރުގެ ދަށުން ކަމަށެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ 36 ވަނަ މާއްދާއަކީ ވަގުތުން ގެނެސްދޭ އިވެންޓުތައް މި ގާނޫނާ ހިލާފުވުމެވެ. އެ މައްދާގެ (ރ)ގައި ބުނެފައިވަނީ އެފަދަ ކޮންޓެންޓެއް ހިމެނޭ ލައިވް ފީޑެއް މެދުކަނޑާލުމަށް، ކަމާބެހޭ ދައުލަތުގެ މުއައްސަސާއަކުން އަންގާ އެންގުމަކަށް އެ މީޑިއާއަކުން ވަގުތުން އަމަލުކުރަންވާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނުދައްކަން ރާއްޖެޓީވީއަށް ބްރޮޑްކޮމް އިން އަމުރުކޮށްފައިވާއިރު، އެ ޕްރައިމަރީ ހުއްޓުވަން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން ވެސް ވަނީ އަމުރުކޮށްފައެވެ.