މަގުބޫލް އުޒުރެއް ނެތި ނ. މާފަރު ރަށު ކައުންސިލްގެ ހަތް ޖަލްސާއަށް ޖެހިޖެހިގެން ހާޒިރު ނުވި ކަމަށް ބުނެ އެ ކައުންސިލްގެ ޑީއާރްޕީގެ މެންބަރު އިބްރާހިމް މަނިކު މާގާމުން ވަކިކުރުމާމެދު އެ ރަށު ކައުންސިލުން ގޮތެއް ނިންމުގެ މައްސަލަ މަޑުޖައްސައިލުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ )އެލްޖީއޭ( އިން އަންގައިފި އެވެ.

މާފަރު ކައުންސިލްގެ ހަތް ޖަލްސާއަށް ހާޒިރު ނުވި އިބްރާހިމް މަނިކު ކައުންސިލަރު ކަމުން ވަކިކުރުމަށް މިއަދު އެޖެންޑާ ކުރުމުން އެލްޖީއޭއިން ވަނީ އެ މައްސަލައާމެދު ކައުންސިލަރުންނާ މަޝްވަރާކޮށްފަ އެވެ. ފޯން ކޮންފަރެންސް ކޯލެއް މެދުވެރިކޮށް ކައުންސިލަރުންނާ މަޝްވަރާކޮށް ނިންމާފައި ވަނީ އެ އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން އެ މައްސަލަ މަޑުޖައްސައިލުމަށެވެ.

އެމްޑީޕީ މެޖޯރިޓީ އޮންނަ މާފަރު ކައުންސިލުގެ ހަތް ޖަލްސާއަކަށް އިބްރާހިމް މަނިކަށް ހާޒިރު ނުވެވުނީ އޭނާ ސްޕްރީމް ކޯޓްގެ ޝަރީއަތަކަށް ހާޒިރުވާން މާލެ ވަޑައިގެންނެވުމުންނެވެ. އޭނާ މާލެ ވަޑައިގަތުމުން ޖެހިޖެހިގެން ހަތް ޖަލްސާ ކައުންސިލުން ބާއްވާފައިވާ ކަމަށް މާފަރު ކައުންސިލު އިދާރާއިން ބުންޏެވެ. އެއީ ކައުންސިލްގެ ކުއްލި ތިން ބައްދަލުވުމާއި އާންމު ހަތަރު ބައްދަލުވުމެކެވެ.

އެލްޖީއޭގެ ސީއީއޯ އަހުމަދު ޝުކުރީ މިއަދު ވިދާޅުވީ އިބްރާހިމް މަނިކު ކައުންސިލަރުކަމުން ވަކިކުރުމާމެދު އެ އޮތޯރިޓީގެ ލަފަޔަކަށް އެދުމުން އެ މައްސަލަ މަޑުޖައްސަން މާފަރު ކައުންސިލަން އަންގާފައިވާނެ ކަމަށެވެ. އަދި އެ މައްސަލައިގެ ލިޔެކިޔުންތައް ލިބުނުހާ އަވަހަކަށް އެކަން މުރާޖާ ކުރުމަށްފަހު، ވަކި އެއްޗެއް އަންގާނެ ކަމަށް ވެސް ޝުކުރީ ވިދާޅުވި އެވެ.

"އެ ބޭފުޅުން އަޅުގަނޑުމެންގެ ލަފަޔަކަށް އެދުނީމަ އަޅުގަނޑުމެން ބޭނުންވީ ތަންކޮޅެއް ތަފްސީލުކޮށް ބަލައިލަން. ދެން އަޅުގަނޑުމެން ވެސް ބަލަންޖެހޭ ކަންތައްތަކެއް ހުރީމަ އެ ބޭފުޅަކާ )އިބްރާހިމް މަނިކު( ދޭތެރޭ ގޮތެއް ނުނިންމަވާ ލަސްކޮށްލަ ދެއްވާށޭ އަޅުގަނޑުމެން ދަންވާފައިވާނީ،" ކައުންސިލްތަކުން ކުރަމުންދާ ކަންތައްތަކަށް ފާރަވެރިވެ، ކައުންސިލްތައް ޖަވާބުދާރީވާންޖެހޭ އެލްޖީއޭގެ ސީއީއޯ ވިދާޅުވި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 119 ވަނަ މާއްދާގެ )ށ(ގައި ބުނެފައި ވަނީ މަގުބޫލް އުޒުރެއް ނެތި ވިދިވިދިގެން ހަތް ޖަލްސާއަށް ހާޒިރުނުވެއްޖެނަމަ އެ ކައުންސިލަރަކު މަގާމުން ވަކިވާނެ ކަމަށެވެ. މަގުބޫލް އުޒުރެއް ކަމަށް ބެލެވެނީ ތިމާ ނުވަތަ ބަލަންޖެހޭ މީހަކު ބަލިވެގެން ނުވަތަ މިނޫންވެސް ކައުންސިލުން ގަބޫލުކުރާ ސަބަބެއް މެދުވެރިވުމުންނެވެ.

އިބްރާހިމް މަނިކު މިއަދު ވިދާޅުވީ ކައުންސިލްގެ ހަތް ޖަލްސާއަށް އޭނާއަށް ހާޒިރު ނުވެވުނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަކަށް ޖަވާބު ދާރީވުމަށް މާލެ ދާންޖެހިގެން ކަމަށެވެ. އަދި އެ މައްސަލައަކީ ލޯކަލްކައުންސިލް އިންތިހާބުގައި އެ ރަށު ކައުންސިލަށް ވާދަކުރި އެމްޑީޕީގެ މެންބަރަކު އޭނާގެ ކައުންސިލަރުކަމުގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ވެސް ވިދާޅުވި އެވެ.

މާފަރު ކައުންސިލް އިދާރާއިން ބުނީ އިބްރާހިމް މަނިކު ކައުންސިލަރު ކަމަށް ހޮވުނީ އެ ރަށަށް އަރުވާލައިފައި ހުއްޓާ ކަމަށެވެ. އިބްރާހިމް މަނިކު ވިދާޅުވީ އޭނާގެ މައްޗަށް "ކުޑަ ދުވަސްކޮޅެއްގެ" ހުކުމެއް ތަންފީޒުކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 28 ވަނަ މާއްދާގެ )ނ(ގެ )3( ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރު ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހެއް ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމް ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރުވެފައިވާ މީހެއް ކަމުގައި ވާނަމަ އެ މީހަކަށް ކައުންސިލަރުކަމަށް ކުރިމަތި ނުލެވޭނެ ކަމަށެވެ. އަދި އެ މާއްދާގެ )ނ(ގެ )4( ގައި ބުނެފައި ވަނީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ހައްދެއް ނުވަތަ ރިޝްވަތުގެ ކުށެއް ނުވަތަ މަސްތުވާތަކެތި ވިޔަފާރިކޮށް އަދި ބޭނުން ކުރުމުގެ ކުށް ޝަރީއަތަށް މީހެއް ކަމުގައިވާ ނަމަ އެ މީހަކަށް ކައުންސިލަރުކަމަށް ކުރިމަތި ނުލެވޭނެ އެވެ.