30 May 2018, 13:43
ގއ. ވިލިނގިލީގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެނައީ ދެ މީހުން ކަމަށާއި އެ ދެ މީހުންގެ ހާލު މިހާރު ސީރިއަސް ނޫން ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ވިލިނގިލީގައި ހުންނަ ތޮޅިއަސް ރެސްޓޯރެންޓް ކައިރީގައި ދެ ސައިކަލެއް ޖެހިގެން އިއްޔެ ހަވީރު ގާތްގަނޑަކަށް 4:00 ހާ އިރު ހިނގި އެ އެކްސިޑެންޓުގައި ޖުމްލަ ތިން މީހަކަށް އަނިޔާވިއެވެ. އެއީ އުމުރުން 33 އަހަރާއި 19 އަހަރު އަދި 34 އަހަރުގެ މީހެކެވެ.
ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުން ބުނީ، އެކްސިޑެންޓުގައި އެކެއްގެ ފައި ވަރަށް ބޮޑަށް ބިންދައިގެން ގޮސް އަދި ދެވަނަ މީހެއްގެ ބޮލު ތެރެއަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ތިންވަނަ މީހާގެ މޫނުމަތި ވަރަށް ބޮޑަށް ގޭނިފައި ހުރި ކަމަށް ބުންޏެވެ.
އެ ތިން މީހުންގެ ތެރެއިން ވެސް އެކަކުގެ ހާލު ކްރިޓިކަލް ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.
އެ ތިން މީހުން ވެސް ޗާޓަރު ފްލައިޓެއްގައި އިއްޔެ މާލެ ގެނައި އިރު، އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ އެކްސިޑެންޓާ ގުޅިގެން އެ ހޮސްޕިޓަލަށް ގެނައީ ދެ މީހުން ކަމަށެވެ.
އަދި އޭގެ ތެރެއިން އެކަކު ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުގައި ފަރުވާ ދެމުން ދާ އިރު ދެވަނަ މީހާއަށް ފަރުވާ ދެމުންދަނީ ވޯޑުގައި ކަމަށް އޮފިސަރު ވިދާޅުވި އެވެ. ނަމަވެސް އެކެއްގެ ހާލުވެސް ސީރިއަސް ނޫން ކަމަށް ވިދާޅުވި އެވެ.
އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އޮފިސަރު މީޑިއާއަކާ ހިއްސާއެއް ނުކުރެއެވެ.