30 May 2018, 14:44
މުމްބާއީ (މޭ 30): އިންޑިއާގެ ކެރަލާގައި ނިޕާ ވައިރަސް ފެތުރެމުން ދިޔުމުގެ ސަބަބުން އެސްޓޭޓުގެ މޭވާ އާއި ތަރުކާރީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް އެތެރެ ކުރުން މަނާކޮށްފި އެވެ.
ޔޫއޭއީގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރޮމެންޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން ނިޕާ ވައިރަސް ފެތުރެނީ ވާލުގެ ސަބަބުން ކަމަށް ބެލެވެ އެވެ. އެހެންކަމުން އެގައުމަށް އެތެރެ ކުރުން މަނާ ކުރަނީ ވާ އާއްމުކޮށް ކައި އުޅޭ އަނބާއި ކަދުރާއި ދޮންކެޔޮ ފަދަ ތާޒާ މޭވާތައް ކަމަށް ބަޔާނުގައިވެ އެވެ.
އެންޑީޓީވީގައިވާ ގޮތުން ކެރަލާގެ 116 މީހެއްގެ ސާމްޕަލް ވަނީ ނިޕާ ވައިރަސްއަށް ޓެސްޓު ކުރުމަށް ފޮނުވާފައި އެވެ. އަދި 15 މީހެއްގެ ގައިގައި ވައިރަސް ހުރި ކަން ޔަގީންވެފައިވާ ކަމަށާއި 13 މީހަކު ވައިރަހުގެ ސަބަބުން މަރުވެފައިވާ ކަމަށް އެނޫހުގައިވެ އެވެ. ނަމަވެސް ކެރަލާ ނޫން އެހެން ސްޓޭޓަކުން ވައިރަސް ފެނިފައި ނުވާ ކަމަށް ވެސް ރިޕޯޓުތަކުގައިވެ އެވެ.
ނިޕާ ވައިރަސް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ބުނެފަ އެވެ. ނަމަވެސް އެވައިރަސްގެ އެއްވެސް އަސަރެއް މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާ ކަން އެޗްޕީއޭ އިން މިދިޔަ ހަފްތާގައި ފާހަގަ ކުރި އެވެ.
ނިޕާ ވައިރަސް ފެތުރެމުންދާ ކެރެލާގެ ސަރަހައްދުތަކަށް ދިވެހިން ދަތުރުކުރުމުގައި ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެ ބަލިން ރައްކާތެރިވުމުގެ ގޮތުން މިހާރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް އެއޭޖެންސީން ބުންޏެވެ.
ނިޕާ ވައިރަސް އިންފެކްޝަނަކީ، އެ އިންފެކްޝަން ޖެހިފައިވާ ވާލާއި އޫރުން އިންސާނުންނަށް ފެތުރޭ އިންފެކްޝަނެކެވެ. އަދި ބަލިޖެހިފައިވާ މީހުންނާ ގާތްކޮށް އުޅޭ ފަރާތްތަކަށް ވެސް ބަލިޖެހުމުގެ ފުރުސަތު އޮވެ އެވެ. އެ ބަލިން ސަލާމަތްވުމަށް ޓަކައި އިންފެކްޝަން ފެތުރިފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ވާލާއި އޫރުން ދުރުހެލިވުން މުހިންމު ކަމަށް ހެލްތު އޮފިޝަލުން ބުނެ އެވެ.
އެ އިންފެކްޝަނުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުމާއި ވަރުބަލިވުމާއި ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް ހިމެނެއެވެ. އެ ބަލި ޖެހިފައިވާ ބައެއް މީހުންގެ ސިކުނޑިއަށް އަސަރުކޮށް ބޯއެނބުރުމާއި ހެޔަށް ގޮތްވެ، ފިޓު ޖެހުން ފަދަ އަލާމާތްތައް ފެންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ އެ ބައްޔަށް ވަކި ހާއްސަ ފަރުވާއެއް ނެތް ކަމަށާއި އެހެން ނަމަވެސް ޑެންގީއާއި ޒިކާ ފަދަ ބަލިތަކަށް ފަރުވާދޭ ފަދައިން ނިޕާ ވައިރަސްގެ ފަރުވާ ދެނީ އެ ބަލީގެ އަލާމާތްތަކަށް ބަލާފައި ކަމަށެވެ.