30 May 2018, 13:53
ދިއްލީ (މޭ 30): އިންޑިއާގެ އުތުރަށް އިއްޔެ ގުގުރައި ހޮނު އެޅުމުގެ ސަބަބުން 50 މީހަކު މަރުވެއްޖެއެވެ.
އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ހިންދީގައިވާ ގޮތުން އެންމެ ބޮޑަށް ހޮނު އެޅީ ބިހާރަށެވެ. އެގޮތުން ގަދަޔަށް ވައިޖެހި ހޮނު އެޅުމުގެ ސަބަބުން އެ ސްޓޭޓުން 20 މީހަކު މަރުވިއެވެ. އަދި އުއްތަރު ޕްރަދޭޝްއިން 15 މީހަކާއި ޖާރުޚާންދު ސްޓޭޓުން 12 މީހަކު މަރުވި ކަމަށް އޮފިޝަލުން ބުންޏެވެ.
އޭގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މަރުވީ ގަދަ ވަޔާއެކު ހޮނު އެޅުމުގެ ސަބަބުން ގިނަ އަދަދެއްގެ ގެތައް ވެއްޓުމުގެ ސަބަބުންނެވެ.
މީގެ އިތުރުން އިންޑިއާގެ އުތުރުގައި އޮންނަ އުއްތަރުޚާންދުގައި ވެއްޓުނު ގަހެއްގެ ދަށުވެ ތިން ކުޑަކުއްޖަކު މަރުވި ކަމަށް ޕީޓީއައި ނޫހުގައިވެއެވެ.
އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނި ގޮތުގައި ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިންޑިއާގެ އުތުރުގައި ހޫނު ގަދަވެ، ފިނިހޫނުމިން 47 ޑިގްރީ ސެލްސިއަސްއަށް އަރާނެއެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ސްޓޭޓުތަކުގައި ކަރަންޓު ކެނޑޭނެ ކަމަށްވެސް އެ ޑިޕާޓްމެންޓުން ބުންޏެވެ.
އިންޑިއާގެ ނެޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގައިވާ ގޮތުން 2005 ވަނަ އަހަރުގެ ފަހުން، ހޮނު އެޅުމުގެ ސަބަބުން އެގައުމުގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ އަދަދު 2،000 އަށް އަރައެވެ.
މިދިޔަ މަހު އިންޑިއާގެ އުތުރަށް ބޯ ވާރެޔާއެކު އެރި ވެލީގެ ތޫފާނުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
(ބީބީސީ)