އިސްލާމިކް މިނިސްޓްރީން މާދަމާ ބާއްވަން ހަމަޖެއްސި އިސްލާމިކް ފެއާ އަންނަ ހޮނިހިރު ދުވަހަށް ފަސްކޮށްފި އެވެ.

މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓަރު އަހުމަދުﷲ ޖަމީލް މިއަދު ވިދާޅުވީ އިސްލާމިކް ފެއާ ފަސް ކުރީ ކުރިން ރާވާފައި އޮތް ގޮތަށް މާދަމާ ފެއާ ބާއްވައިފި ނަމަ ޖެހިގެން އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފެއާގެ ސްޓޯލްތައް ހުސްކޮށް އަލުން ތަކެތި އެތުރުމަކީ ވަރަށް ބޮޑު ދަތިކަމަކަށްވާނެތީ ކަމަށެވެ.

" ފެއާ ބޭއްވެން މިއަންނަނީ އިސްލާމިކް މިނިސްޓްރީގެ ލޮބީއާ އެކީގައި. ހުކުރަށް އަންނަ ފަރާތްތަކަށް ދަތިނުވާނެ ގޮތަކަށް އެކަންތައް މިހާރު ވާނީ އިންތިޒާމްކޮށްފައި،" އަހުމަދުﷲ ވިދާޅުވި އެވެ.

އިންޑިއަން ހައިކޮމިޝަންގެ އެހީގައި އިންޑިއަން ކައުންސިލް އޮފް ކަލްޗަރަލް ރިލޭޝަންސް އިސްލާމްއާ ގުޅިގެން މިނިސްޓްރީން މިއަހަރު ބާއްވާ ފެއާގައި އިސްލާމް ދީނާ ގުޅޭ ތާރީހީ އެކިއެކި ލިޔެކިޔުންތަކާއި ފޮޓޯތަކުގެ އިތުރުން ގެފުޅުގެ އެތެރެ ދައްކުވައިދޭ މޮޑެލްއެއް އާއްމުންނަށް ދައްކާލާނެ ކަމަށް ވެސް އަހުމަދުﷲ ވިދާޅުވި އެވެ.

މިއީ އިސްލާމިކް މިނިސްޓްރީން ބާއްވާ ހަތަރު ވަނަ ފެއާ އެވެ. މިފެއާ މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ. މިފެއާ އައްޑޫގައާއި އުތުރުގެ ރަށެއްގައި ވަރަށް އަވަހަށް ބާއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.