07 Sep 2011, 12:16
ހިދުމަތާއި މުދަލުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ ނެގުމަށް ވިޔަފާރިތައް ތައްޔާރުކުރުމުގެ ގޮތުން މީރާއިން ވިޔަފާރިގެތައް އިންސްޕެކްޓް ކުރަން ފަށާނެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ( އިން މިއަދު ބުނެފި އެވެ.
އަހަރަކު އެއް މިލިޔަން ރުފިޔާ ވަންނަ ކޮންމެ ވިޔަފާރިއަކުން ވެސް އަންނަ އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ނަގަން ފަށާނެ އެވެ. މީރާގެ ޑައިރެކްޓާ ޖެނެރަލް ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވީ ޖީއެސްޓީ ނެގުމުގެ ތައްޔާރީތަކުގެ ތެރެއިން މީރާގެ އޮފިޝަލުން ފިހާރަތަކަށް ގޮސް ޖީއެސްޓީގެ ގާނޫނަށް ފިހާރަތަށް ފައްތަން ކުރަންޖެހޭ މަސައްކަތްތައް ދެނެ ގަނެ ފަންނީ އެހީތެރިކަން ދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޒިޔާރަތްތަކުގައި އަޅުގަނޑުމެން ދެނެ ގަންނާނަން ޖީއެސްޓީ ނަގަން ފަށާއިރު މި ވިޔަފާރިތަކުން ކުރަންޖެހޭނެ އިތުރު ކަންތައްތައް އަދި އެކަމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނަން،" ފަތުހުﷲ ވިދާޅުވި އެވެ.
އާންމު ޖީއެސްޓީގެ ގާތްގަނޑަކަށް 80 ޕަސެންޓް ހިއްސާ ކުރާ، އިމްޕޯޓް ކޮށް ހޯލްސޭލް ކުރާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ވެސް ފަތުހުﷲ ވިދާޅުވި އެވެ. މިދިޔަ ހަފުތާގައި ފުވައްމުލަކުގައި ހުންނަވައިގެން ރައީސް މުހައްމަދު ނަޝީދު ތަސްދީގު ކުރެއްވި ޖީއެސްޓީގެ ގާނޫނުގެ ދަށުން ހޯލްސޭލް ކުރާ ފަރާތްތަކުން ޖީއެސްޓީ ދެއްކުން ލާޒިމް ކުރެ އެވެ.
ފަތުހުﷲ ވިދާޅުވީ ޖީއެސްޓީ ނެގުމަށް ވަގުތު ކުޑަތަންވެފައިވާއިރު މީރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ވިޔަފާރިތައް ތައްޔާރުކުރުމަށް ލިބުނު ވަގުތު ކުޑަވުން ކަމަށެވެ.
"އެގިވަޑައިގަންނަވާނެ ރާއްޖެތެރޭގައި ވެސް އެބަހުރި ވިޔަފާރިތައް. އެހެންވީމާ އެ ވިޔަފާރިތަކައް ވެސް އެބަޖެހޭ އަޅުގަނޑުމެން ފޯކަސް ކުރަން. އެކަމަކު ވަގުތުގެ ކުޑަކަމުން އެ މައުލޫމާތު ފޯރުކޮށްދިނުމަށް ދަތި ތަކެއް އެބައުޅޭ. އެކަމަކު އަޅުގަނޑުމެން މާސް ކެމްޕޭނަކަށް މި ނުކުންނަނީ،" ފަތުހުﷲ ވިދާޅުވި އެވެ.
ބެލެވިފައިވާ ގޮތުގައި އެންމެ އާދައިގެ ކަންމަތީ ފިހާރައަށް ވެސް ވިކުރާގެ ގޮތުގައި އަހަރެއްގެ މައްޗަށް އެއްމިލިއަން ރުފިޔާ ލިބޭނެ އެވެ. އެބައިން ޖުމްލަ ޖީއެސްޓީގެ 20 ސަކަށް ޕަސެންޓް ހިއްސާ ކުރާނެ އެވެ. ޖީއެސްޓީ އަކީ ހިދުމަތާއި މުދާ ލިބިގަންނަ ފަރާތްތަކުގެ އަތުން ނަގައި މީރާއަށް ދައްކާ ޓެކުހެކެވެ.
ސަރުކާރުން ހިސާބުޖަހާފައިވަނީ މި އަހަރު އާންމު ޖީއެސްޓީގެ ގޮތުގައި 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.