07 Sep 2011, 12:06
ރެއާލް މެޑްރިޑަށް އިތުރު ދިހަ އަހަރަށް ސޮއިކުރިޔަސް އިނގިރޭސި ކުލަބަކަށް ބަދަލުވުމަށް އުފެދޭ ޚިޔާލު ދޫނުކުރާނެ ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ސްޕޯޓިންގް އިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ ހައަހަރު ދުވަހުތެރޭ މޮޅު ކުޅުމެއް ދައްކާ ރޮނާލްޑޯ ވަނީ 2009 ވަނަ ރެކޯޑު ޓްރާންސްފާއަކަށް ރެއާލް މެޑްރިޑަށް ސޮއިކޮށްފައެވެ. އަށްޑިހަ މިލިޔަން ޕައުންޑަށް ރެއާލް މެޑްރިޑަށް ބަދަލުވެ ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑަށް ފައިދާހުރި ކުޅުމެއް ދައްކާފައެވެ.
"އިނގިރޭސި ކުލަބަކަށް ދިއުމަށް ކުރާ ޚިޔާލެއް ދުލެއް ނުކުރާނަން. އަހަރެންނަށް އެ ލީގާއި، ކުޅުންތެރިންނާއި އަދި މާހައުލު ވަރަށް ރަނގަޅަށް ދަންނަން. އެގައުމަށް ދިއުމަށް އަހަރެން އުންމީދުކުރަން. އަހަރެންނަށް އިނގިރޭސި ވިލާތުން އެންމެ ބޮޑަށް ދަންނަނީ މެންޗެސްޓާ ޔުނައިޓެޑް. މެންޗެސްޓާ ޔުނައިޓެޑަށޭ ބަދަލުވާނީއޭ އަހަރެންނަކަށް ނުބުނެވޭނެ. އެއީ އަހަރެން ރެއާލް މެޑްރިޑުގައި މިހިރީ ވަރަށް އުފަލާއެކު" ރޮލާންޑޯ ބުންޏެވެ. "އަހަރެން މަދު ފަހަރެއްގައި ކުރިންވެސް ބުނަމުން ދިޔައިން މެޑްރިޑް ބޭނުންނަމަ އަހަރެންނަށް އިތުރު ދިހަ އަހަރަށް ކެރިޔަރު ނިމެންދެންވެސް ސޮއިކުރެވިދާނެ. އެކަމު ކިހިނެތް މީހަކަށް އެނގޭނީ އަހަރެންގެ ކުރިމަގު. އަހަރެންނަށް ދޮގު ހަދާފަ ނުބުނެވޭނެ އަހަރެން މެޑްރިޑުގައި ދިހަ އަހަރު މަޑުކުރާނަމެކޭ އަދި މެންޗެސްޓާ އަށް އެނބުރި ދާނަމެކޭ."
މެންޗެސްޓާ ޔުނައިޓެޑަށް ނުކުޅޭވޭތީ ވަރަށް ހަނދާންވާ ކަމަށާއި އެކުލަބުގެ ކޯޗު ސާ އެލެކްސް ފާގަސަންއާ އަދިވެސް ވާހަކަ ދައްކަމުން އަންނަކަމަށް ރޮނާލްޑޯ ބުންޏެވެ.
"ރެއާލް މެޑްރިޑަށް ކުޅުމަކީ ހުވަފެނެއް. ހަމައެގޮތަށް މެންޗެސްޓާ އަށް ކުޅުމަކީ ވެސް ހުވަފެނެއް. އެކުލަބުގައި ވޭތުވި ހައަހަރު އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައިގެނެއް ނުދާނެ. ފާގަސަންއަކީ އަހަރެންގެ ދެވަނަ ބައްޕަ. އަދި މިހާރުގެ ކޯޗް ހޯސޭ މޮރީނިއޯ ވެސް. އެ ތަޖުރިބާކާރު ދެކޯޗުން އަހަރެންގެ ކެރިޔަރުގައި އެހީތެރިވެ އަހަރެންގެ ކުރިއެރުމަށް މަސައްކަތް ކޮށްދީފައިވޭ. މެންޗެސްޓާގައި ހޭދަވި ދުވަސްތައް މަތިން ވަރަށް ބޮޑަށް ހަނދާންވޭ. ކޯޗް ފާގަސަން އާ އަދިވެސް އަހަރެން ވާހަކަދައްކަން." ރޮނާލްޑޯ ބުންޏެވެ.