Back
Nov 24, 2025 SUN
SUN

ދެ ފަނޑިޔާރުންގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފި

ދެ ފަނޑިޔާރުންގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފި
Lead photo

ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވިކަމުގެ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކޮށްފައިފާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފިއެވެ.

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވިކަމުގެ ކުށް ސަބީތުވެ ކްރިމިނަލް ކޯޓުން ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީީދު، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ.

އެ ހުކުމް ކޮށްފައިވަނީ 2016 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހާ ހަމައަށް ދަށު ކޯޓުތަކުގައި ހިނގަމުންދާ ޝަރީއަތްތަކާ ގުޅިގެން ނެރޭ އަމުރުތަކާއި ހުކުމްތައް ވަކިގޮތަކަށް ނިންމުމަށް ފަނޑިޔާރުންނަށް އަންގާފައިވާކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

ވަކި ވަކިން ބޭއްވި ދެ އަޑުއެހުމުގައި މިއަދު އޮތީ ދެ ފަރާތުން ވެސް މައްސަލައާ ގުޅޭ ގޮތުން ކަމެއް ފާހަގަކުރުމަށް ބޭނުންވާނަމަ އެ ކަމެއް ފާހަގަކުރުމެވެ.

މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލުން ވަނީ 15 ނުކުތާ ހުލާސާ ގޮތެއްގައި ހުށަހަޅާފައެވެ. އެ ނުކުތާތަކަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލުން ވަނީ ރައްދު ވެސް ދެއްވާފައެވެ.

އެގޮތުން އެންމެ ފުރަތަމަ ބޭއްވި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އަޑުއެހުމުގައި އޭނާގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ކުށުގެ އަދަބު ކަނޑައެޅުމުގައި ހަތަރު ދަރަޖަ މަތިކޮށްފައި ވަނީ އެއްވެސް އުސޫލެއް ނެތި ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީގެ ވަކީލް ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު ތައުފީގު ވިދާޅުވީ، އަދަބާ ގުޅޭ ގޮތުން ދައުލަތަށް ވެސް ވާހަކަ ދެއްކުމަށް ކްރިމިނަލް ކޯޓުން ފުރުސަތު ދީފައި ނުވާ ކަމަށެވެ.

ކުށުގެ އަދަބު މަތިކުރެވޭނެ ހާލަތަކީ ގާނޫނުގައިވާ ގޮތުން އިދާރާއަކަށް ހުރަސް އެޅުން ނުވަތަ ގެއްލުމެއްދޭ ހާލަތްތަކުގައި ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަކީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ ދެ ފަރާތް ކަމަށްވުމުން އެ ދެ ބޭފުޅުންގެ މައްޗަށް އަދަބުގެ ދަރަޖަ މަތިކުރެވިދާނެ ކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ދެ ދަރަޖަ މަތި ކުރެވިދާނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

ނަމަވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ އިތުރަށް ދިރާސާކުރުމަށް ވަގުތުކޮޅެއް ދިނުމަށް އަޑުއެހުން މެދު ކަނޑާލާފައެވެ.

މެދެކެޑުމަށްފަހު ދެން ފެށި އަޑުއެހުމުގައި ދައުލަތުން ވަނީ އަދަބުގެ ދަރަޖަ ތިން ދަރަޖައަށް މައްޗަށް ޖެއްސިދާނެ ކަމަށް ވިިދާޅުވެފައެވެ.

ނަމަވެސް ދިރާސާކުރެއްވުމަށްފަހު ތައުފީގު ވިދާޅުވީ، ދައުލަތުން ގަބޫލުކުރާ ގޮތުގައި މަތިކުރެވޭނީ ދެ ދަރަޖަ ކަމަށެވެ.

ދެ ފަނޑިޔާރުންގެ މައްސަލަ ބައްލަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީއާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތު ބަލަހައްޓަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީއެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics