29 May 2018, 14:28
އެމްޑީޕީން މާދަމާ ބާއްވާ އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވަނީ ރާއްޖޭގައި ހެދިފައި ހުރި ހުރިހާ ގާނޫނުތަކާއި އެ ޕާޓީގެ އަސާސީ ގަވާއިދާވެސް އެއްގޮތަށް ކަމަށް އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް އަންގައިފިއެވެ.
އީސީގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ މާދަމާ ބާއްވާ ޕްރައިމަރީ ހުރިހާ ގާނޫނުތަކާއި އެމްޑީޕީގެ އަސާސީ ގަވާއިދާ އެއްގޮތަށް ބާއްވާނެ ކަމަށް އެޕާޓީން އީސީއަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ.
އަދި ޕްރައިމަރީގެ ހުރިހާ ކަމެއްވެސް ހިނގާނީ ގާނޫނުތަކާ އެއްގޮތަށްކަމުގެ ޔަގީންކަން އެމްޑީޕީން އަރުވާފައި ވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ހިންގާ ސިޔާސީ ހަރާކާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް ގާނޫނުތަކާ ހިލާފަށް ކަންކަން ކުރިއަށް ގެންދާނަމަ ހުއްޓުވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
މީގެ ހަފްތާއެއް ކުރި އީސީން އެމްޑީޕީއަށް އަންގާފައި ވަނީ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް ނަޝީދު ބައިވރިވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައްޔާއި ޕާޓީގެ އެކްޓިވިސްޓުން އަދި މާލެއާއި އަތޮޅުތަކުގައި ހަބަރު ފަތުރަމުންދާކަމުގެ ޝަކުވާ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބޭފުޅެއް ކަމަށާއި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިހާބުކުރާ މީހެއްގެ ހުންނަންވީ ޝަރުތުތަކުގެ ތެރެއިން އެ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ޝަތުރު އުނިވެފައިވާ ބޭފުޅެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެއެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުކުރެވޭ މީހަކީ "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިޗާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނުމުނުތަނާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ އިން އަަހަރުވެފައިވާ މީހަކު ކަމަށް ވާން" ޖެހޭނެ ކަމަށެވެ.
އިލެކްޝަންސްއިން އެމްޑީޕީއަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވަނީ "ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް" އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން "ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިތުރުކޮށްފައިވާ 63 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކާއި ޖަމްއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށް ޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާކަމަށް ބަޔާންކޮށްފައި" ވާނެ ކަމަށެވެ.
ކުރީގެ ރައީސް ނަޝީދަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވާތީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނަޝީދަށް ގެއްލިފައިވާ ކަމަށާއި އެފަދަ ބޭފުޅުން ބައިވެރިކޮށްގެން ބާއްވާ ރިޔާސީ ޕްރައިމަރީ އީސީ އިން ބަލައި ނުގަންނާނެ ކަމަށް އެ ސިޓީގައި ވެއެވެ.
ރައީސްކަމަށް އިންތިހާބުކުރާ މީހެއްގެ ހުންނަން ޖެހޭ ޝަރުތު ހަމަނުވާ މީހަކަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކުރިމަތިލުމުގެ ފުރުސަތު ދިނުމާއި ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ސިޔާސީ ހަތަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ ގާނޫނު ނަމްބަރު 4/2013 (ސިޔާސީ ޕަޓީތަކުގެ ގާނޫނު)ގެ (7) ވަނަ މާއްދާގެ (ށ)ގެ ދަށުން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމަށް ވާތީ، ނަޝީދަށް ޕްރައިމަރީގައި ވާދަކުރަން ފުރުސަތު ދީފި ނަމަ ސިޔާސީ ޕަޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާ އާއި 49 ވަނަ މާއްދާގެ ދަށުން އެމްޑީޕީއާ މެދު ފިޔަވަޅު އަޅާނެ ކަމަށް އީސީގެ ސިޓީގައި ބުނެފައިވެއެވެ.