29 May 2018, 15:10
ބެލްޖިއަމްގެ ބްރަސެލްސްގައި ހުންނަ ކައުންސިލް އޮފް ޔޫރަޕިއަން ޔޫނިއަންގެ ކުރިމަތީގައި އިއްޔެ އޮތީ ހަމަހިމޭން އެއްވުމެކެވެ. ނަމަވެސް އެ އެއްވުމުން ފެނިގެން ދިޔައީ އާންމު ރައްޔިތުންނެއް ނޫނެވެ. އޭގެ ބަދަލުގައި ފެނިގެން ދިޔައީ އެކި ބާވަތުގެ، އެކި ސައިޒުގެ އެތައް ހާސް ބޫޓާއި ފައިވާނެވެ.
އެއިން ކޮންމެ ފައިވާން ނުވަތަ ބޫޓު ޖޯޑެއް ރަމްޒުކޮށްދިނީ 2008 ވަނަ އަހަރު ކުރިއަށް ދިޔަ ގާޒާ ހަނގުރާމައިގެ ފަހުން، އިސްރާއީލުން ދިން ހަމަލާތަކުގައި މަރާލާފައިވާ ކުށެއް ނެތް ގާޒާގެ ރައްޔިތެކެވެ.
"ޕަލަސްޓީނިއަން ލައިވްސް މެޓާ"ގެ ނަމުގައި އެކްޓިވިސްޓް ވެބްސައިޓެއް ކަމަށްވާ އަވާޒްއިން އިންތިޒާމް ކުރި އެ ހަރަކާތުގެ ބޭނުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ހަމަހަމަ ހައްގުތައް ހޯދައި ދިނުމަށާއި އިސްރާއީލުގެ އަނިޔާވެރިކަމަށް ހުއްޓުމެއް ގެނައުމަށް އީޔޫއަށް ގޮވާލުމެވެ.
"ފަލަސްތީނުގެ ރައްޔިތުންނަށް ހަމަހަމަ އަދި ފުރިހަމަ މަދަނީ ހައްގުތައް ލިބެންދެން އިސްރާއީލުގެ މައި ކުންފުނިތަކާ ދެކޮޅަށް ދަތިކުރުގެ ފިޔަވަޅު އަޅަން މުޅި ދުނިޔެއިން ތެދުވާން ވެއްޖެ،" އަވާޒްގެ މެމްބަރުން ބުންޏެވެ.
އެ މެމްބަރުން ބުނި ގޮތުގައި އެފައިވާން ޖޯޑުތަކަކީ ފާއިތުވި ހަފްތާއެއްހާ ދުވަސްތެރޭ ޔޫރަޕްގެ އެކި ގައުމުތަކުގެ އާންމު ރައްޔިތުން ފޮނުވާފައިވާ ފައިވާން ޖޯޑުތަކެވެ.

ކޮންމެ ފައިވާން ޖޯޑެއް ރަމްޒުކޮށްދެނީ އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވި ގާޒާގެ ރައްޔިތަކު -- ފޮޓޯ: އަވާޒް
އދ.ގެ ހިއުމެނިޓޭރިއަން އެފެއާސް އޮފީހާއި އިސްރާއީލީ އިންފޮމޭޝަން ސެންޓާ ފޯ ހިއުމަން ރައިޓްސް އޮން އޮކިއުޕައިޑް ޓެރިޓަރީސްއިން ލަފާކުރާ ގޮތުގައި ގާޒާ ހަނގުރާމައިގެ ފަހުން، އިސްރާއީލުން ދިން ހަމަލާތަކުގައި އެސަރަހައްދުން މަރުވި މީހުންގެ އަދަދު 4،500 އަށް އަރައެވެ. އެހެންކަމުން އިއްޔެ އީޔޫގެ އިމާރާތުގެ ކުރިމަތީގައި ބަހައްޓާފައި ވަނީ ވެސް 4،500 ޖޯޑު ފައިވާނެވެ.
ނަމަވެސް ގާޒާގައި އދއިން މިނިވަން ތަހުގީގެއް ހިންގުން އިސްރާއީލާއި އެމެރިކާއިން ވަނީ ހުއްޓުވާފައި ކަމުން، އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވި ގާޒާ ރައްޔިތުންގެ އަދަދު ޔަގީންކޮށް ބުނަން ދަތިކަންވެސް އަވާޒްއިން ފާހަގަ ކުރިއެވެ.
އިއްޔެގެ ހަރަކާތް ބޭއްވީ ގާޒާގެ ހާލަތާ ބެހޭ ގޮތުން ޔޫރަޕްގެ ފޮރިން މިނިސްޓަރުންތަކެއް ކައުންސިލް އޮފް ޔޫރަޕިއަން ޔޫނިއަންގައި ބައްދަލުވުމެއް ބާއްވަން ހަމަޖައްސާފައި ވަނިކޮށެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރުން މަޝްވަރާ ކުރައްވާނީ މާޗް މަހު ގާޒާގެ ރައްޔިތުން އިސްރާއީލްގެ ބޯޑަރު ކައިރީގައި ކުރަން ފެށި މުޒާހަރާތަކާ ބެހޭ ގޮތުންނެވެ. ގްރޭޓް މާޗް އޮފް ރިޓާންގެ ނަމުގައި ފެށި އެމުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 110އަށް އަރާފައެވެ.