29 May 2018, 14:17
ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފެށޭ މަހު 28 އަދި 29 ވަނަ ދުވަހު ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބާއްވަން އެޕާޓީން ނިންމައިފިއެވެ.
މިއަދު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ އެޕާޓީގެ ތިންވަނަ ކޮންގްރެސްއަށް މިހާރު ތައްޔާރީތައް ވަމުން ދާ ކަމަށެވެ.
ސަމީރު ވިދާޅުވީ ކޮންގްރެސްގައި ކުރަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި އެޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުން ހިމެނޭ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ބޭފުޅެއް ނިންމާނީ ކޮންގްރެސްގައި ކަމަށެވެ.
ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގެ 53 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ ގޮތުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވަނީ އެޕާޓީގެ ލީޑަރު ކަމަށެެވެ.
ނަމަވެސް ކޮންގްރެސްގައި އަސާސީ ގަވާއިދަށް އިސްލާހުތަކެއް ހުށަހެޅި އެ މައްދާއަށް ބަލެއް އައިސްފި ނަމަ ކެންޑިޑޭޓް ބަދަލުވެގެން ދާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.
އޭގެ އިތުރުން ޖޭޕީގެ މެނިފެސްޓޯ ކޮންގްރެސްއަށް ހުށަހަޅައިގެން ފާސްކުރުމާއި ޖޭޕީގެ މަގާމުތަކުގެ އޮނިގަނޑަށް ބަދަލު ގެނައުން ހިމެނޭ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
މި ހަފްތާގައި ޖަރުމަނުގެ ފްރެންކްފާޓުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ އެ ޕާޓީގެ ކޮންގްރެސް ބާއްވައި، އެޕާޓީގެ ލީޑަޝިޕު މަގާމުތަކަށް ބަދަލުތަކެއް ގެންނާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ.
"މިހާރުގެ ލީޑަޝިޕް ބަދަލުވެގެންދާ ގޮތްތަކެއް ތައާރަފު ކުރާނަން. އަދި ޕާޓީއަށް ރައީސެއްގެ މަގާމު ތައާރަފުކުރަން ގަސްދުކޮށްފައިވާ ވާހަކަވެސް ދަންނަވާލަން. އަދި އެ މަގާމުތަކަށް ބޭބޭފުޅުން ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލައިގެން ކުރިއަށް ގެންދާނީ،" ގާސިމް ވިދާޅުވިއެވެ.