ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ]ޕީޕީއެމް[ އުފެއްދުމުގެ މަސައްކަތް ކުރުމަށް 10 މެންބްރުންގެ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

ޕީޕީއެމް އުފެއްދުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާ ކުރާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އާ ޕާޓީ އުފެއްދުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އެކުލަވާލި ކޮމެޓީގައި ހިމެނެނީ، ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން ފާރިސް މައުމޫންނާއި ޕީއޭގެ ކުރީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު ޔާމީން އަބްދުލްގައްޔޫމާއި ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރާއި ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ޕީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފާއި ޑރ. މުހައްމަދު ސައުދާއި ކުރީގެ ރައީސް މައުމޫންގެ ކުރީގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފާއި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންނެވެ.

ޕީޕީއެމް އުފެއްދުމުގެ މަސައްކަތް ކުރާ އޮފިޝަލު ވިދާޅުވި ގޮތުގައި އެ 10 މެންބަރުންގެ ކޮމެޓީގެ މައިގަނޑު މަސައްކަތުގެ ތެރޭގައި ޕާޓީ ވުޖޫދަށް ގެނެސް ކޮންގޮރެސް ބާއްވައި މަގާމުތަކަށް ބޭފުޅުން ހޮވެންދެން ކުރަން ޖެހޭ ހުރިހާ ކަމެއްގައި އިސް ދައުރެއް އަދާކުރާނީ އެ ބޭފުޅުންނެވެ.