މީޑިއާ ނެޓުން 2009 ވަނަ އަހަރު މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގް ކޯޕަރޭޝަން (އެމްއެންބީސީ) އަށް ދިން ހިދުމަތުގެ އަގަށްވާ މިލިއަން ރުފިޔާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަތުން ނަގައި ދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

މީޑިއާ ނެޓުން ޕީއެސްއެމްއާ ދެކޮޅަށް ދައުވާ ކުރީ އެ ކުންފުނިން 2009 ވަނަ އެމްއެންބީސީ އާއެކު ހަދާފައިވާ ޗެނަލް ރައިޑިންގް އެގްރިމެންޓެއްގެ ދަށުން 'ޔޫތު ޓީވީ' އަށް ފޯރުކޮށްދީފައިވާ ހިދުމަތަށް 1،328،672 ރުފިޔާ ދައްކަން ޖެހި ނުދައްކާ އޮތް ކަމަށް ބުނެ އެފައިސާ ހޯދުމަށެވެ.

އެ މައްސަލަ ބަލައި ސިވިލް ކޯޓުން މިދިއަ އާދިއްތަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ 2010 ވަނަ އަހަރު މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޯޕަރެޝަން (އެމްބީސީ) އިން ގާއިމް ކުރުމުގެ ގާނޫނުގެ ދަށުން އޭރު އެމްއެންބީސީން ހިންގަމުން ދިޔަ ޗެނަލްތަކުގެ ތެރެއިން އެމްބީސީގެ ދަށަށް ބަދަލުކޮށްފައި ވަނީ ދެ ޗެނަލެއް ކަމަށެވެ.

އެއީ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ކަމަށާއި އޭގެ ތެރޭގައި 'ޔޫތު ޓީވީ' ނުހިމެނޭ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން އެމްއެންބީސީގެ ދަށުން އެމްބީސީގެ ދަށަށް ބަދަލު ކުރީ އެ ދެ ޗެނަލާއި ދެ ޗެނަލާ އެކު ވެފައިވާ އެއްބަސްވުންތަކާއި މުއާމަލާތްތައްކަން އެނގޭ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

އޭގެ ފަހުން 2015 ވަނަ އަހަރު އެމްބީސީ އުވާލައި ޕީއެސްއެމް އުފެއްދައި އެ މީޑިއާގެ ދަށަށް ބަދަލު ކުރީ އެމްބީސީގެ ދަށުގައި ހުރި އެންމެހާ ތަކެތިކަން ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގެ 13 ވަނަ މާއްދާއިން އެނގެން އޮންނަ ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން އެމްއެންބީސީއާ އެކު މީޑިއާ ނެޓުން ވެފައިވާ އެއްބަސްވުމަކަށް ޕީއެސްއެމުން ޒިންމާ ނަގަން ނުޖެހޭނެ ކަމަށް ހުކުމްކޮށް މީޑިއާ ނެޓުން ނަގައިދޭން އެދުނު މިލިއަނަށް ވުރެ ގިން ފައިސާ ނަގައި ދެވެން ނެތް ކަމަށް ވަނީ ހުކުމް ކޮށްފަ އެވެ.