29 May 2018, 13:43
ސޯލް (މޭ 29): އުތުރު ކޮރެއާގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ، ޖެނެރަލް ކިމް ޔޮންގް ޗޮލް މާދަމާ އެމެރިކާއަށް ވަޑައިގަންނަވާނެ ކަމަށް ދެކުނު ކޮރެއާގެ މީޑިއާއަކުން ބުނެފި އެވެ.
ދެކުނުގެ ޔޮންހަޕް ނޫސް އޭޖެންސީގައިވާ ގޮތުން ޖެނެރަލް ކިމް އެމެރިކާއަށް ވަޑައިގަންނަވާނީ ޗައިނާގެ އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ފަހުގަ އެވެ.
އުތުރު ކޮރެއާގެ ވެރިކަން ކުރާ ޕާޓީގެ ސެންޓްރަލް ކޮމިޓީގައި ވައިސް ޗެއާމަންކަން ކުރައްވާ ޖެނެރަލް ކިމް އެމެރިކާއަށް ވަޑައިގެންފި ނަމަ، އެވާނީ 2000 ވަނަ އަހަރުގެ ފަހުން އެމެރިކާއަށް ވަޑައިގަންނަވާ އުތުރު ކޮރެއާގެ އެންމެ އިސް އޮފިޝަލަށެވެ.
ދެކުނު ކޮރެއާގައި ފެބްރުއަރީ މަހު އޮތް ވިންޓާ އޮލިމްޕިކްސް ނިންމާލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޖެނެރަލް ކިމް ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯއާ މީގެ ކުރިން ބައްދަލު ކުރައްވާފައި އެވެ.
ޖެނެރަލް ކިމް އެމެރިކާއަށް ވަޑައިގަންނަވަނީ އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުންނެވެ.
އެބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން އުތުރު ކޮރެއާ އާއި ސިންގަޕޫރުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމެރިކާއިން ބުންޏެވެ.
ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ނައްތާލުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ހަމަޖެހިފައިވާ އެސަމިޓު ކެންސަލް ކުރަން ނިންމެވިކަން މިދިޔަ ބުރާސްފަތި ދުވަހު ޓްރަމްޕް އިއުލާން ކުރެއްވި އެވެ. ނަމަވެސް އޭގެ ފަހުން 24 ގަޑިއިރު ވެސް ނުވަނީސް ޓްރަމްޕް ވަނީ އެކަމާ ބެހޭ ގޮތުން ޚިޔާލު ބަދަލު ކުރައްވައިފަ އެވެ. (ބީބީސީ)