ޓުއަރިޒަމް ދާއިރާއަށް ލަފާދިނުމުގެ ހުއްދަ މޯޓީޒާ ކެޕިޓަލް ލިމިޓެޑަށް ދީފިއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން ނެރުނު ބަޔާނެއްގައި ބުނީ މޯޓީޒާ ކެޕިޓަލް ލިމިޓެޑަށް އިންވެސްޓްމެންޓްް އެޑްވައިޒް ލައިސަންސް ދީފައިވަނީ މިއަހަރުގެ މެއި މަހުގެ 24 އިން 2023 ވަނަ އަހަރުގެ މެއި 23 ގެ ނިޔަލަށް ކަމަށެވެ.

މިއީ ރާއްޖޭގައި ފަންޑު މެނޭޖުކުރުމުގެ ލައިސަންސް ލިބުނު ދެވަނަ ކުންފުންޏެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަ، މިފަދަ ފުރަތަމަ ކުންފުންޏެވެ.

އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޣާލީ މުރުތަޟާއަށް ވަނީ އިންވެސްޓްމެންޓް އެޑްވައިޒާ ރެޕްރެޒެންޓޭޓިވް ލައިސަންސްވެސް ދީފައެވެ.

ޣާލީ ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓުއަރިޒަމުގެ ސިނާއަތް އޮތް ގައުމު ނަމަވެސް އެ ސިނާއަތުގައި އިންވެސްޓަރުންނަށް އޮތީ މަދު ފުރުސަތެއް ކަމަށެވެ. އަމާޒަކީ މިދާއިރާގައި އިންވެސްޓަރުންނަށް ހުރި ފުރުސަތުތައް އަންގައިދީ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވައިލުން ކަމަށް އޭނާ ވިދާޅުވިއެވެ.

މޯޓީޒާއަކީ 2015 ވަނަ އަހަރު އުފައްދާފައިވާ، ފަތުރުވެރިކަމުގެ ދާއިރާގައި އިމްވެސްޓްމެންޓް މެނޭޖުމެންޓު އެޑްވައިޒްދޭ ކުންފުންޏެކެވެ.