މަދަނީ އިއްތިހާދުގެ ރައީސް އަދި އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝައިހް މުހައްމަދު ދީދީ، ސަރުކާރު ހިންގާ ޕީޕީއެމާ ގުޅިވަޑައިގެންފި އެވެ.

މުހައްމަދު ދީދީ އަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު އިސްލާމްދީނާއި ދީނުގެ ޝިއާރުތަކާ ދެކޮޅަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެ މަދަނީ އިއްތިހާދުގެ ނަމުގައި އަމިއްލަ ޖަމިއްޔާއެއް އުފައްދަވައިގެން ގިނަ ހަރަކާތްތަކެއް އިސްކޮށް ހުރެ ހިންގެވި ބޭފުޅެކެވެ.

އޭގެ ފަހުން އޭނާ ވަނީ މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.

ނަމަވެސް މި ސަރުކާރު ކޯލިޝަންގެ ތެރޭގައި ކުރިން އޮތް އަދާލަތު ޕާޓީން ސަރުކާރަށް ކުރަމުން ދިޔަ ތާއީދު އަނބުރާ ގެންދިއުމާ ގުޅިގެން އޭނާ ހުންނެވި މަގާމުން އިސްތިއުފާ ދެއްވި އެވެ.

އަދި އޭގެ ފަހުން މުހައްމަދު ދީދީ ފެނިވަޑައިގެންނެވީ މި ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅެއްގެ ގޮތުގަ އެވެ.

މުހައްމަދު ދީދީ ޕީޕީއެމާ ގުޅިވަޑައިގަތީ އިއްޔެ އެޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އަދި ޕީޕީއެމާ ގުޅިވަޑައިގަތުމަށް ފަހު ޕާޓީއާ ގުޅިވަޑައިގަތް ފޯމް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވަނީ އަރުވައިފަ އެވެ.