29 May 2018, 11:40
ކުއަލަލަމްޕޫރު (މޭ 29): ދެހާސްސާދަ ވަނަ އަހަރު ގެއްލުނު މެލޭޝިއަން އެއާލައިންސް ފްލައިޓް 370 ހޯދުމަށް ޕްރައިވެޓް ކުންފުންޏަކުން ކުރަމުން އައި މަސައްކަތް މިއަދު ނިންމާލައިފި އެވެ.
އެމެރިކާގެ ކުންފުންޏެއް ކަމަށްވާ އޯޝެން އިންފިނިޓީން އެމްއެޗް370 ހޯދުމުގެ މަސައްކަތް ފެށީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. އެކުންފުނިން ވަނީ އަށް މިނީ ސަބްމެރިން ބޭނުންކޮށްގެން 80،000 ސްކޮޔާ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބަލައިފަ އެވެ.
އެމްއެޗް370 ހޯދުމުގެ ހުއްދަ އެކުންފުންޏަށް ދިނީ "ނޯ ފައިންޑް، ނޯ ފީ" ނުވަތަ ބޯޓު ނުހޯދޭ ނަމަ އަގެއް ނުދޭ ގޮތަށެވެ. ނަމަވެސް ބޯޓު ހޯދުނު ނަމަ އެކުންފުންޏަށް 70 މިލިއަން ޑޮލަރު ދޭ ގޮތަށެވެ.
މީގެ ކުރިން އޮސްޓްރޭލިއާ، މެލޭޝިއާ އަދި ޗައިނާއިން ގުޅިގެން އެމްއެޗް370 ހޯދުމުގެ މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް އެމަސައްކަތް ކުރާތާ 1،046 ދުވަސް ފަހުން އެތިން ގައުމުން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެމަސައްކަތް ހުއްޓާލައިފަ އެވެ.
އެބޯޓުގެ ބައިތައް ވަނީ އިންޑިއާ ކަނޑުގައި އޮންނަ ރިޔޫނިއަން އިންނާއި މަޑަގަސްކަރައިން ފެނިފަ އެވެ.
އޮސްޓްރޭލިއާގެ ޓްރާންސްޕޯޓު މިނިސްޓްރީން ލަފާކުރާ ގޮތުގައި އެމްއެޗް370 ހޯދުމަށް ފާއިތުވި ހަތަރު އަހަރު ކުރި މަސައްކަތުގެ އަގު 151 މިލިއަން ޑޮލަރަށް އަރާނެ އެވެ. އެ ހަރަދުގެ ބޮޑު ބައެއް ހަމަޖެއްސީ މެލޭޝިއާއިންނެވެ. އަދި އެއީ ގެއްލުނު މަތިންދާބޯޓެއް ހޯދުމަށް ކުރިއަށްގެން ދިޔަ އެންމެ އަގުބޮޑު ޕްރޮގްރާމް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބޯއިން 777 މަރުކާގެ އެމްއެޗު370 ގެއްލިފައިވަނީ 2014 ވަނަ އަހަރުގެ މާޗު މަހު، ކުއަލަލަމްޕޫރުން ބެއިޖިންއަށް 239 މީހުންނާ އެއްކޮށް ދަތުރު ކުރަމުން ދަނިކޮށެވެ. (ބީބީސީ)