ވޮޝިންގޓަން : (ސެޕްޓެމްބަރ 7) : އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ މަޤްބޫލުކަން ޢާންމުންގެ މެދުގައި އިތުރަށް ދަށަށްދާކަން ޚިޔާލު ހޯދުމުގެ އާ ސަރވޭއަކުން ހާމަވެއްޖެއެވެ. ވޮޝިންގޓަން ޕޯސްޓާއި އޭ.ބީ.ސީ. ގުޅިގެން މިހަފްތާގެ ކުރީކޮޅޫ ކުރި މިސަރވޭގެ ނަތީޖާ ދައްކާގޮތުން އޮބާމާގެ ސަރުކާރުން އެމެރިކާގެ އިޤތިސާދު ކުރިޔަށް ގެންދާގޮތާމެދު އެމެރިކާ ރައްޔިތުންގެ 60% މީހުން ނުރުހެއެވެ.

މީގެކުރިން ކޮށްފައިވާ ސަރވޭއެއްގައި މިކަމަށް ނުރުހޭކަމަށް ބުނެފައިވަނީ 49% މީހުންނެވެ. ނަމަވެސް ކޮންގްރެސްގައި މަސައްކަތްކުރަމުން ގެންދާގޮތާބެހޭ ގޮތުންކުރި ސުވާލެއްގެ ޖަވާބުގައި ގިނަމީހުން ބުނެފައިވަނީ އޮބާމާގެ ޑިމޮކްރެޓިކް ޕާޓީން ކޮންގްރެސްގައި މަސައްކަތްކުރާގޮތް އިދިކޮޅު ޖުމްހޫރީ ޕާޓީގެ މަސައްކަތަށްވުރެ ރަނގަނޅު ކަމުގައެވެ.

މިސަރވޭން ހާމަވާގޮތުގައި އެމެރިކާގެ ކޮންމެ 10 މީހެއްގެ ތެރެއިން 6 މީހުން، އެމެރިކާގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް އޮބާމާ ގެންގުޅުއްވާ ސިޔާސަތު ކަމުނުދާ ކަމަށް ދެކެއެވެ. އަދި އޮބާމާ ވެރިކަމަށް ވަޑައިގެންނެވި ފަހުން އެމެރިކާގެ މާލީ ޙާލަތު އިތުރަށް ދަށަށް ގޮސްފައިވާ ކަމަށް އެމެރިކާ ރައްޔިތުންގެ 66% މީހުން ދެކޭކަންވެސް މިސަރވޭން ހާމަވެއެވެ. (ޔޫ.ބީ.އައި)