29 May 2018, 11:59
މާލޭ ލީގުގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ވާދަކުރި މެޗު މާޒިޔާއާއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުން ބަލިވެ ޔޫވީއަށް ޕްރިމިއާލީގުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވެފައިވާ އިރު، މާޒިޔާއިން ވަނީ ޕްރިމިއާ ލީގު ޔަގީން ކޮށްފައެވެ. މާޒިޔާގެ އިތުރުން މިހާތަނަށް ޕްރިމިއާ ލީގު ޔަގީން ވެފައިވާ ޓީމުތަކަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބު އަދި ކްލަބު އީގަލްސްއެވެ.
ގަދަ ހައެއްގައި ބާކީ އެއް ޖާގަ އޮތް އިރު، އެ ޖާގައަށް ޔޫވީއާއެކު ވާދަކުރާނީ ކްލަބު ގްރީން ސްޓްރީޓްސްއެވެ. ފުލުގައި މޮޅެއް ނުލިބި އޮތް ވެލެންސިއާއަށް ގަދަ ހައެއްގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ގްރީން ސްޓްރީޓްސްއިން މި ހަފްތާގައި ކުޅޭ މެޗުގައި މިރޭ ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. މިރޭގެ މެޗަށްފަހު ލީގުގެ ހުރިހާ ޓީމަކަށްވެސް ބާކީ އޮންނާނީ ތިން މެޗެވެ.
މިހާތަނަށް ކުޅުނު 11 މެޗުން ޔޫވީއަށް ލިބެނީ ހަތް ޕޮއިންޓެވެ. ގްރީން ސްޓްރީޓްސްއަށް 10 މެޗުން 10 ޕޮއިންޓް ލިބިފައިވާ އިރު، ޕްރިމިއާ ލީގަށް ދިއުމަށް ޔޫވީއަށް ވަނީ ކުރިއަށް އޮތް ތިން މެޗުވެސް މުހިއްމު ވެފައެވެ. އަދި ގްރީންގެ ނަތީޖާތަކަށްވެސް ބަލަން ޖެހިފައެވެ.
"މިހާރު ހަމަ ދޮގެއް ހަދަން ޖެހޭނީ (ގަދަ ހަޔަކަށް ދާނެއޭ ބުނަން). ވަރަށް އުނދަގޫ ހާލަތެއްގައި މިއޮތީ. ޖެހިޖެހިގެން ތިން މެޗު ނެގުމަކީ ވަރަށް އުނދަގޫ ކަމެއް. ކާޑުތަކެއްވެސް އައިސް، ވަރަށް މުހިއްމު ކުޅުންތެރިންތަކެއް ނެތް. ދަތިތަކާއެކީގައި ވަރަށް އުނދަގޫ ކަމަކަށް ވާނީ،" ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ޔޫވީގެ ކޯޗު، މުހައްމަދު ނަޒީހު ބުންޏެވެ.
ނަޒީހު ބުނީ އަދިވެސް ޕްރިމިއާ ލީގަށް ދިއުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށާއި، އެހެން ނަމަވެސް ގަދަ ހައެއްގެ ފުރުސަތު އޮތީ "ހިމަ ނަރަކަށް" ކުޑަވެފައި ކަމަށެވެ.
"އަދިވެސް ގަދަ ހައެއްގެ ތެރޭގައި ހިމެނުމަށް މަސައްކަތް ކުރާނީ. ހިމަ ނަރަކާ އެއްވަރުވެފައި މިއޮތީ ދާން އޮތް ފުރުސަތު. އެ ނަރެއްހާ ތަނުން ދެމިގަންނަން ޖެހޭނީ،" ނަޒީހު ބުންޏެވެ.
ނަޒީހު ބުނީ އަދިވެސް ނުވާނެ ކަމަށް ނުބުނާނެ ކަމަށާއި، އެހެން ނަމަވެސް ޓީމުން ވަރަށް ބޮޑަށް ރަނގަޅުކޮށްގެން ނޫނީ ދެން ޕްރިމިއާލީގަށް ނުދެވޭނެ ކަމަށެވެ.
"އަދިވެސް އެކަމަކު ނުވާނެ ކަމެއް ނޫން ބުނާނީ. އެކަމަކު ފުޓުބޯޅަ މެޗެއްގައި ވަރަށް ބައިވަރު ކަންތައްތަކެއް ރަނގަޅު ވެގެން ނަތީޖާ ނެރެވޭނީ. އެންމެކަމެއް ދެ ކަމެއް ނޫން. މާޒިޔާއަށް މަރުހަބާ. މާޒިޔާއިން ހަމަ ހުރިހާ ކަމެއް ރަނގަޅަށް ކޮށްގެން، ލިބުނު ފުރުސަތިތަކުގެ ބޭނުންވެސް ހިފައިފި. ޔޫވީގެ މެދުތެރެއިން ފައިޓެއްވެސް ނުދެވުނު،" ނަޒީހު ބުންޏެވެ.
މާލޭ ލީގުގެ 11 ވަނަ ހަފްތާގައި ދެން ބާކީ އޮންނާނީ މިރޭ ގްރީންއާއި ޓީސީ ވާދަކުރާ މެޗެވެ. އެ މެޗު ފަށާނީ 10:00ގައެވެ.