29 May 2018, 10:18
އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް އުފެއްދުންތައް ޔޫރަޕުގެ ގައުމުތަކުގައި މަނާކުރަން ޔޫރަޕިއަން ޔޫނިއަން އިން ނިންމައިފިއެވެ.
އެގޮތުން ޕްލާސްޓިކް ހޮޅި، ކޮޓަން ބަޑްސް، ކަޓްލަރީސް އަދި ފުއްޕާހަން ހިފަހައްޓަން ބޭނުންކުރާ ހޮޅި އެ ގައުމުތަކުގައި ބޭނުންކުރުން މަނާކުރަން ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން އީޔޫގެ ގައުމުތަކުގައި ބޭނުންކުރާ ހުރިހާ ޕްލާސްޓިކް ފުޅިއަކީ 2025 އަންނަންވާއިރަށް ރީސައިކަލް ކުރާ އެއްޗެއްސަށް ހަދަން ވެސް ވަނީ ނިންމައިފައެވެ. މި ނިންމުމަށް އަމަލުކުރެވޭނީ އީޔޫގެ 28 ގައުމުން އެ ހުށަހެޅުމަށް ތާއީދުކޮށްފި ނަމައެވެ.
މި ހުށަހެޅުމަށް އަމަލު ކޮށްފިނަމަ ތިމާވެއްޓަށް ކުރާ އަސަރުތައް ހުއްޓުވުމަށް ކުރާ ޚަރަދުން 2030 އަންނަންވާއިރަށް 22 ބިލިއަން ޔޫރޯ (25 ބިލިއަން ޑޮލަރު) ސަލާމަތް ކުރެވޭނެއެވެ. އަދި އަހަރަކު 3.4 މިލިއަން ޓަނުގެ ކާބަން އެމިޝަން ސަލާމަތް ކުރެވޭނެއެވެ.
މި އުފެއްދުންތަކުގެ ބަދަލުގައި ބޭނުންކުރާނެ އިތުރު އުފެއްދުންތައް ހުށަހަޅާނެ ކަމަށާއި މިއީ މިހާރުން މިހާރަށްވެސް އަމަލުކުރަން ޖެހިފައިވާ ކަމެއް ކަމަށް އީޔޫ އިން ބުނެއެވެ.