28 May 2018, 22:51
ކީރިތި ޤުރުއާނުގެ ތަފްސީރު ފޮތެއް ދިވެހި ބަހުން އެކުލަވާލައި ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.
ތަފްސީރަކީ ކީރިތި ޤުރުއާން ވިސްނައިދީ އޭގެ މާނަ ބަޔާންކޮށް، އެއިން ހިކްމަތްތަކާއި ހުކުމްތައް ނެރެދޭ އިލްމަށް ކިޔާ ނަމެކެވެ. ޤުރުއާނުގެ ތަފްސީރު އުގެނުމަކީ ފަރުޟުކިފާޔަތެކެވެ. އަދި އެއީ ޝަރުއީ އިލްމުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް އިލްމު ކަމަށް އިލްމުވެރިންވަނީ އިޖްމައުވެފައެވެ.
ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕްތައް އިއުލާން ކުރުމަށް މިއަދު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ފަސް ބޭފުޅުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމެޓީއަކުން މިހާރުވެސް އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އެ ކޮމެޓީގައި އުދޫ ބަސް ފަރިތަ ބޭރުގެ ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޒިޔާދު ވިދާޅުވި ގޮތުގައި، ރައީސް އޮފީހުން ނެރެފައިވާ ކީރިތި ޤުރުއާންގެ ރަސްމީ ދިވެހި ތަރުޖަމާ ނަމޫނާއަކަށް ބަލައިގެން ނެރޭ ތަފްސީރު ފޮތް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ޗާޕުކޮށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.