ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އޭޓީއެމެއް މިއަދު ހުޅުވައިފި އެވެ.

އިންޓަނޭޝަނަލް އެރަވައިލް ގޭޓާއި ޑޮމެސްޓިކް ޓާމިނަލާ ދެމެދު ހަދާފައިވާ އުރީދޫ ފިހާރަ ކައިރީގައި ބެހެއްޓި އޭޓީއެމް ހުޅުވައި ހިދުމަތްދޭން ފައްޓަވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އަދި އެމްއައިބީގެ އެކްޓިން ސީއީއޯ އަހުމަދު ރިޒާ އެވެ.

އެމްއައިބީން ބުނީ، އެއާޕޯޓުގެ ހިދުމަތް ހޯދާ މީހުންނަށް ފަސޭހައިން އެމްއައިބީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގްސަދުގައި ހުޅުވި އެމްއައިބީގެ އޭޓީއެމްގައި އިނގިރޭސި ބަހާއި ދިވެހި ބަހުގެ އިތުުރުން ބަނގުލަދޭޝް ބަސް ހިމެނޭނެ ކަމަށާއި އެ ބޭންކުގެ އެހެން އޭޓީއެމްތަކުން ވެސް ލިބޭ ހިދުމަތްތައް އާ އޭޓީއެމުން ލިބިގެންދާނެ ކަމަށެވެ.

އެމްއައިބީގެ އޭޓީއެމެއް ހުޅުލޭގައި ހުޅުވިއިރު، މާލޭގެ ތިން ތަނަކުންނާއި ހުޅުމާލެ، ސ. ހިތަދޫ، ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި އަދި ފުވައްމުލައް ސިޓީގައި ވެސް އެ ބޭންކުގެ އޭޓީއެމްގެ ހިދުމަތް ދަނީ ލިބެމުންނެވެ.

މާޗް، 2011 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިދުމަތް ދޭން ފަށާފައިވާ އެމްއައިބީ ދާދި ފަހުން ވަނީ އެ ބޭންކުގެ މޯބައިލް ބޭންކިން އެޕްލިކޭޝަނެއް ވެސް ލޯންޗު ކޮށްފައެވެ.

ފައިސާ މޮބައިލްގެ ނަމުގައި ލޯންޗު ކުރި އެ އެޕްލިކޭޝަން މެދުވެރިކޮށް އެކައުންޓް ބެލެންސް ބެލުމާއި ޓްރާންސެކްޝަންގެ ހިސްޓްރީ ބެލުމާއި އެހެން ބޭންކްތަކުގެ އެކައުންޓުތަކަށާއި އެމްއައިބީގެ އެކައުންޓުތަކަށް ފައިސާ ފޮނުވުމުގެ އިތުރުން ފައިނޭންސިންގ ފެސިލިޓީސްތަކުގެ ތަފްސީލާއި ޗެކް ފޮތުގެ ތަފްސީލް ބަލާލެވޭނެއެވެ.