28 May 2018, 21:37
އީކޯ ޓޫރިޒަމަށް ޚާއްސަކޮށްގެން އައްޑު އާއި ފުވައްމުލަކުގައި ތަރައްގީ ކުރާ ނޭޗާ ޕާކުގައި ރެސްޓޯރެންޓެއް ހިންގާނެ ބަޔަކު ހޯދަން ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އަލުން ބީލަމަށް ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ވަކިން ކުރި ދެ އިއުލާނެއްގައި ބުނީ، އައްޑޫ ސިޓީގެ ހިތަދޫގައި ތަރައްގީކުރާ ނޭޗާ ޕާކުގެ ވިޒިޓާސް ސެންޓަރުގައި ރެސްޓޯރެންޓެއް ހިންގުމަށާއި ފުވައްމުލަކު ނޭޗާ ޕާކުގެ ރެކްރިއޭޝަނަލް ފެސިލިޓީގައި ކެފެޓީރިއާއެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށެވެ.
އެ ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން މިމަހުގެ 31 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، ބީލަން ހުޅުވާނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ)ގެ ދަށުން އައްޑޫ ސިޓީގައި ނޭޗާ ޕާކު ތަރައްގީ ކުރަނީ ހިތަދޫ އީދިގަލި ކޮޅި އަދި ކޯއްޓޭ ހިމެނޭ ގޮތަށެވެ. އަދި ފުވައްމުލަކު ނޭޗާ ޕާކު ހިމެނެނީ ބަންޑާރަ ކިޅި އަދި ދަނޑި މަގި ކިޅި ހިމެނޭ ގޮތަށެވެ.
އެ ދެ ތަނުގައި ވެސް ސިނގިރޭޓް ވިއްކުން އަދި ބުއިމަކީ މަނާ ކަމެކެވެ.
އެ ތަނުގައި ރެސްޓޯރެންޓް ހިންގާނެ ފަރާތެއް ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން ކުއި އިއުލާނުގައި ހިމަނާފައިވާ ބިޑް ޑޮކިއުމަންޓްގައި ބުނާ ގޮތުން، އެ ދެ ތަން ވެސް ހިންގަން ކުއްޔަށް ދޫކުރާނީ ތިން އަހަރު ދުވަހަށެވެ.
އަދި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މަހު ކުލީގެ ގޮތުގައި އަގު ހުށަހަޅަންޖެހޭއިރު، މަސައްކަތުގެ އެގްރީމެންޓްގައި ސޮއިކުރުމުގެ ކުރިން، ބީލަން ކާމިޔާބު ކުރާ ފަރާތަކުން ޑިޕޮސިޓްގެ ގޮތުގައި ތިން މަސް ދުވަހުގެ ކުރި މިނިސްޓްރީއަށް ދައްކަންޖެހެ އެވެ.