30 May 2010, 05:34
10:00
މާލޭގެ ދެ ސަރަހައްދެއްގައި ރޭ ހިނގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެ، އެތަނުން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލުމާ ގުޅިގެން ބައެއް މީހުން ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ގާތްގަނޑަކަށް 9:30 ހާއިރު މާފަންނު ސްޓޭޑިއަމް ސަރަހައްދުގައާއި އަތަމަ ޕެލަސް ކައިރީގައި ހިނގި އެ ދެމާރާމާރީގައި އަނިޔާވި ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ދެމީހުންނަށް ލިބިފައިވާ އަނިޔާތަކާ ބެހޭ ތަފްސީލެއް އަދި އެ ދެ މާރާމާރީއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތަފްސީލެއްވެސް ފުލުހުންގެ މީޑިއާ އޮފިޝަލެއް ނުދެއްވަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ އެ މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޙަމްކޮށްލާފައި ވަނީ އަތަމާ ޕެލަސް ކައިރީގައި ހިނގި މާރާމާރީގައި އަނިޔާވި މީހާ އަށް ކަމަށާއި އޭނާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ދެ ވަނަ މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.